ޚަބަރު

ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މިފްކޯއަށް މަސް ކިރާ މިންވަރު އިތުރުވާން ފަށައިފި


ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، މިފްކޯއަށް މަސް ކިރާ މިންވަރު އިތުރުވާން ފަށައިފިއެވެ.

ފާއިތުވި 2 މަސްދުވަހު ރާއްޖޭގެ ބޮޑު ހިސާބަކަށް ވިއްސާރަވުމުގެ ސަބަބުން މަހަށް ނިކުންނަ ދޯނިތަކުގެ އަދަދު ދަށްވެ، މިފްކޯއަށް މަސް ލިބޭ މިންވަރުވެސް ވަރަށް ބޮޑަށް ދަށްވިއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މަސްވެރިކަން ދަށްވުމުގެ މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ ފާއިތުވި 2 މަސްދުވަހު ވިއްސާރަވުން ކަމަށެވެ. މިއާއެކު މަހަށް ނިކުންނަ މަސް ދޯނިފަހަރުގެ އަދަދު ދަށްވެ، މިފްކޯއަށް މަސް ކިރާ މިންވަރުވެސް ވަރަށް ބޮޑަށް ދަށްވި ކަމަށް އިސްމާއިލް ވިދާޅުވިއެވެ.

ވިއްސާރައިގެން ސަބަބުން ދަތުރުފަތުރުކުރުމަށް އެޅުނު ހުރަހާއި އެކު، މިފްކޯގެ މާލޭގެ މަސް ފިހާރަތަކުން މަހުގެ އުފެއްދުންތަކުގެ ސްޓޮކުވެސް ދަށްވިއެވެ.

އިސްމާއިލް ވިދާޅުވީ، މިހާރު ދެކުނުގެ މަސްވެރިކަން ރަނގަޅުވަމުން އަންނަ ކަމަށާއި، އެެހެން ނަމަވެސް އުތުރުގެ މަސްވެރިކަން އަދިވެސް ރަނގަޅު ނޫންކަމަށެވެ.

މި ފާއިތުވި ދުވަސްތަކުގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު މިފްކޯއަށް ކިރާފައިވަނީ 80 ޓަނުގެ މަހެވެ. ނަމަވެސް ދެކުނުގެ މަސްވެރިކަން ރަނގަޅުވެ، އިއްޔެ މިފްކޯއަށް މަސް ކިރާފައިވާ މިންވަރު ވަނީ 180 ޓަނަށް އަރާފައިކަން އިސްމާއިލް ފާހަގަކުރެއްވިއެވެ.

މިފްކޯއިން ވަނީ މިއަހަރުގެ ކުރީކޮޅު މަސްވެރިންގެ އަތުން މަސް ގަންނަ އަގުވެސް ބޮޑުކޮށްފައެވެ. އެގޮތުން މަސް ކިލޯއެއް ގަންނަ އަގު ވަނީ 17ރ އަށް ބޮޑުކޮށްފައެވެ.