ޚަބަރު

ރިސޯޓުތަކުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު 40000އަށް ވުރެ މައްޗަށް


ރިސޯޓުތަކުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު 40000އަށް ވުރެ މައްޗަށް އަރައިފިއެެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން ނެރެފައިވާ ޑެއިލީ އަޕްޑޭޓު ރިޕޯޓުގައިވާގޮތުން މިމަހުގެ 14ވަނަ ދުވަހުގެ ނިޔަލަށް 164 ރިސޯޓަކުން، 40053 އެނދުވަނީ އޮޕަރޭޝަނަށް ނެރެފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން ޓޫރިޒަމް މިނިސްޓްރީގައި ޖުމްލަ 1180 ފެސިލިޓީއަކުން 59407 އެނދު ވަނީ ރަޖިސްޓްރީކޮށްފައެވެ.

އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 164 ރިސޯޓު، 838 ގެސްޓުހައުސް 2، ހޯމް ސްޓޭ ފެސިލިޓީ، 156 ސަފާރީ، 13 ހޮޓާ ހިމެނޭހެން ޖުމްލަ 1173 ޓޫރިސްޓު ފެސިލިޓީއެއް ވަނީ މިހާރު ފަތުރުވެރިންނަށް ހުޅުވާލާފައެވެ. މިއާއެކު 58418 އެނދުވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޮޕަރޭޝަނަށް ގެނެސްފައިވާ ފަތުރުވެރިކަމުގެ އެނދުގެ ޖުމްލަ އަދަދުގެ ތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 40053 އެނދާއި، ގެސްޓު ހައުސްތަކުގެ 13807 އެނދާއި، ހޯމް ސްޓޭގެ 10 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2932 އެނދާއި، ހޮޓާތަކުގެ 1616 އެނދު ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވައެވެ.

އޮޕަރޭޝަނަށް ގެންނަ އެނދުގެ ޢަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދުވެސްދަނީ އިތުރުވަމުންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށްވަނީ 1014138
( އެއް މިލިއަން ސާދަ ހާސް އެއްސަތޭކަ ތިރީސް އަށް) ފަތުރުވެރިން އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވާ 680324 ( ހަ ލައްކަ އަށްޑިހަ ހާސް ތިންސަތޭކަ ސައުވީސް) ފަތުރުވެރިންނާއި އަޅާ ބަލާއިރު 49.1 އިންސައްތަ އިތުރު އަދަދެކެވެ.