ޚަބަރު

ޕާކިސްތާނުގައި 2 ފުލުހުން މަރާލައިފި


ޕާކިސްތާނުގެ ހުޅަނގު އުތުރުގައިވާ ޚައިބަރް ޕަޚްތުންޚްވާ ޕުރޮވިންސުގެ ރަށެއްގައި ދިރިއުޅޭ ކުޑަކުދިންނަށް ވެކްސިން ދިނުމަށް މަސައްކަތް ކުރަމުންދިޔަ ޓީމެއްގައި ހިމެނޭ ދެ ފުލުހަކަށް ހަމަލާދީ މަރައިލައިފިއެވެ. ކޯޓް އަޒާމް ކިޔާ އަވަށެއްގައި ހިނގި މި ހާދިސާގައި، އެ ޓީމުގައި ހިމެނޭ ފުލުހުންގެ ދެ މީހުން ފިޔަވައި، އިތުރު މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ވެކްސިން ޖަހައިދޭ ޓީމުގައި ހިމެނޭ ދެ ފުލުހަކަށް ހަމަލާދީފައި ވަނީ، އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުން ދިޔަ ހަތިޔާރު އެޅި ޖަމަޢާތަކަށް ނިސްބަތްވާ ދެ މީހަކު ކަމަށް ކޯޓް އަޒާމްގެ ފުލުހުން ބުނެއެވެ. މި ހާދިސާގައި މަރައިލާފައިވާ ދެ ފުލުހުންނަކީ، ވެކްސިން ޖަހައިދޭ ޓީމުގެ މެންބަރުންގެ ހަށިފާރަވެރިންގެ ގޮތުގައި ހަރަކާތްތެރިވަމުން ދިޔަ ދެ ފުލުހުންނެވެ. އެ ޓީމުން މަސައްކަތް ކުރަމުން ދިޔައީ، އެ ސަރަޙައްދުގައި ދިރިއުޅޭ ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިން ޖަހައިދިނުމަށެވެ.

މިއީ، ކުޑަކުދިންނަށް ވެކްސިން ދިނުމަށް މަސައްކަތް ކުރާ މީހުންނާއި، އެ ޓީމުތަކަށް ހިމާޔަތްދޭން މަސައްކަތް ފުލުހުންނަށް އަމާޒުކޮށް ޕާކިސްތާނުގައި މި ފަދަ ހަމަލާއެއް ދިން ފުރަތަމަ ފަހަރެއް ނޫނެވެ. ޕާކިސްތާނުގެ ބައެއް ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަކީ، ވެކްސިން ޖެހުމާ ދެކޮޅު ބަޔެކެވެ. މިއީ، އެ މީހުންނަށް ދަރިން ނުލިބޭ ގޮތް ހެދުމަށް ހުޅަނގުގެ ޤައުމުތަކުން ރާވައިގެން ހިންގާ ޕުރޮގުރާމެއް ކަމުގައި ޤަބޫލު ކުރާ މީހުން ޕާކިސްތާނުގައި މަދެއް ނޫނެވެ. އަދި، ބައެއް ވެކްސިންތަކުގައި މުސްލިމުންނަށް ހަރާމް ކުރައްވާފައިވާ ތަކެތި ހިމެނޭ ކަމަށް ވެސް ބައެއް މީހުން ޤަބޫލު ކުރެއެވެ.

ޕޯލިޔޯ ފެތުރުން ކޮންޓްރޯލްކޮށް، މި ބަލި ނައްތައިލުމަކީ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)ގެ މައިގަނޑު އަމާޒެކެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ބަލި އަދިވެސް ދަނީ މަދުމަދުން ނަމަވެސް ފެންނަމުންނެވެ. މި ވަގުތު ޕޯލިޔޯ ފެތުރެމުންދާ މަދު ޤައުމުތަކުގެ ތެރޭގައި ޕާކިސްތާނުގެ އިތުރުން އަފްޣާނިސްތާން ވެސް ހިމެނެއެވެ.
15 މަހުގެ މެދުކެނޑުމަކަށް ފަހު ޕާކިސްތާނުން މި ބަލީގެ ކޭސްއެއް އެންމެ ފަހުން ފެނިފައި ވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ. އޭގެ ފަހުން ޕާކިސްތާނުގެ އުތުރު ވަޒީރިސްތާނުން މި ބަލި ޖެހިފައިވާ 13 މީހުން ވަނީ ފެނިފައެވެ. އެމެރިކާއިން ވެސް ވަނީ މި ބަލި ޖެހިފައިވާ މީހަކު ޖުލައި މަހުގެ ތެރޭގައި ފެނިފައެވެ. އެއީ، 10 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

އިނގިރޭސި ވިލާތުގެ ލަންޑަނުން ވެސް ދާދި ފަހުން ވަނީ މި ބަލީގެ އަސަރުތައް ފެނިފައެވެ. މި ބަލި ޖެހިފައިވާ މީހަކު ފެނިފައި ނެތް ނަމަވެސް، ލަންޑަނުގެ ނަރުދަނާ ނިޒާމުން ނަގާފައިވާ ސާމްޕަލްތަކަކުން މި ބަލީގެ ޖަރާސީމު ފެނިފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ. މި ކަމާ ގުޅިގެން، އުމުރުން އެއް އަހަރާއި ނުވަ އަހަރާ ދެމެދުގެ 1 މިލިޔަން ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިން ދިނުމުގެ ޚާއްޞަ ކެމްޕޭނެއް ލަންޑަނުގައި ވަނީ ފަށާފައެވެ.