ޚަބަރު

މޫސުމާއި، ޓެކުހާއި، ޞިއްޙަތާބެހޭ 700 ބިލިޔަން ޑޮލަރުގެ ބިލެއް ބައިޑަން ތަޞްދީޤުކޮށްފި


މޫސުމީ ބަދަލުތަކާއި، ޓެކްސް ބޮޑު ކުރުމާއި، ޞިއްޙީ ޚިދުމަތްތަކާ ގުޅޭ 700 ބިލިޔަން އެމެރިކާ ޑޮލަރުގެ ބިލެއް އެމެރިކާގެ ރައީސް ޖޯ ބައިޑަން ތަޞްދީޤު ކުރައްވައިފިއެވެ.

މިއީ، ބައިޑަންގެ ސަރުކާރުގެ ދާޚިލީ އެޖެންޑާގައި ހިމެނޭ އެންމެ މުހިންމު އެއް ބިލެވެ. އަދި، ބައިޑަންގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން މުހިންމު ވަޢުދުތަކެއް ހިމެނޭ ބިލެކެވެ.
"މިއީ ތާރީޚީ ވަގުތު ކޮޅެއް. ނަމަވެސް، ކޮންގްރެސްގައި ރިޕަބްލިކަން ޕާޓީ ތަމްސީލު ކުރާ ހުރިހާ މެންބަރުން ވެސް ވޯޓު ދީފައި ވަނީ މި ބިލާ ދެކޮޅަށް ކަން ފާހަގަ ކުރަން ޖެހޭ،" މި ބިލު ތަސްދީޤު ކުރުމަކީ އޭނާގެ ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާ ބައިޑަން ވިދާޅުވިއެވެ.

މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަ ކުރުމަށް 375 ބިލިޔަން އެމެރިކާ ޑޮލަރު ޚަރަދު ކުރަން މި ބިލުގައި ކަނޑައަޅާފައިވެއެވެ. މިއީ، މޫސުމީ ބަދަލުތަކާ ދެކޮޅަށް އެމެރިކާއިން ނަގާ ތާރީޚީ ފިޔަވަޅެކެވެ. އަދި، މި ބިލާ އެކު، ދުނިޔޭގެ ހޫނުވާ ނިސްބަތް ކޮންމެ ވެސް ވަރަކަށް ކޮންޓްރޯލް ކުރެވޭނެ ކަމަށް މާހިރުން ބުނެއެވެ. ޖައްވަށް ދޫކުރާ ވިހަ ގޭސްތަކުގެ މިންވަރު 2030 ވަނަ އަހަރުގެ ކުރިން 44 އިންސައްތައަށް ތިރި ކުރުމަށް މި ބިލުގެ ދަށުން ޚަރަދު ކުރެވޭނެއެވެ. ކުންފުނިތަކުން ޖައްވަށް ދޫކުރާ ވިހަ ގޭހުގެ މިންވަރު ދަށް ކުރުމަށް މި ބިލުގެ ދަށުން މަޖުބޫރުކޮށްފައި ނެތް ނަމަވެސް، އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ މިންވަރު އިތުރު ކުރުމަށް ކުންފުނިތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ. އަދި، ތެލުގެ ބަދަލުގައި ކަރަންޓު ހަކަތަ ބޭނުން ކޮށްގެން ދުއްވާ އުޅަނދު ފަހަރު ގަންނަ ޢާންމުންނަށް ވެސް މި ބިލުގެ ދަށުން ލުއި ގޮތްތަކެއް ހަމަޖެހިގެން ދާނެއެވެ.

ޞިއްޙީ ދާއިރާއިން، ބައެއް ބޭސްތަކުގެ އަގު ކޮންޓްރޯލް ކުރުމަށް މި ބިލުގެ ދަށުން ސަރުކާރަށް ފުރުޞަތު ލިބިގެންދާނެއެވެ. މި ގޮތުން، އެ ޤައުމުގެ މެޑިކެއަރ ހެލްތް އިންޝުއަރެންސް ޕުރޮގުރާމުގެ ދަށުން ބޭސްފަރުވާ ހޯދާ 65 އަހަރުން މަތީގެ މީހުންނަށް ބޭސް ފޯރުކޮށްދޭ އަގުތައް ތިރި ކުރެވޭނެއެވެ. މިއާ އެކު، ބޭހަށް ކުރާ ހޭދައިން އެތައް ސަތޭކަ ބިލިޔަން ޑޮލަރެއް ސަލާމަތް ކުރެވޭނެ ކަމަށް ބެލެވެއެވެ.

މީގެ އިތުރުން، މި ބިލާއެކު ބޮޑެތި ވިޔަފާރި ކުންފުނިތަކުން ދައްކާ ޓެކްސްގެ މިންވަރު އިތުރު ކުރެވޭނެއެވެ. ނަމަވެސް، އަހަރަކު 400,000 ޑޮލަރަށް ވުރެ ދަށް އާމްދަނީއެއް ލިބޭ މީހުން ދައްކަން ޖެހޭ ޓެކުހަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީން ބުނެއެވެ. މީގެ އިތުރުން، ޓެކްސްގެ ދާއިރާ ހަރުދަނާ ކުރުމަށް އިތުރު މުވައްޒަފުންނަށް ވަޒީފާ ދިނުމަށް ވެސް މި ބިލުގައި 46 ބިލިޔަން ޑޮލަރު ވަނީ ހިމަނާފައެވެ.