ޚަބަރު

ތެލުގެ ސަބްސިޑީއަކުން ދެކޮޅެއް ނުޖެއްސޭ، އަގުތައް އުފުލެނީ: ބަންގްލަދޭޝް


ރަޝިޔާއާއި ޔޫކްރެއިނާ ދެމެދު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއެކު، ބަންގްލަދޭޝްގައި ވިއްކާ ތެލުގެ އަގު 50 އިންސައްތަ މައްޗަށް އުފުލިއްޖެއެވެ. ބަންގްލަދޭޝަކީ އެންމެ ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ އެއް އިޤްތިޞާދެވެ. ނަމަވެސް، ތެލުގެ އަގު އުފުލިފައި މި ވަނީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތާ ގުޅިގެން ކަމުގައި ބަންގްލަދޭޝުން ބުނެއެވެ.

މިކަމާ ގުޅޭ ގޮތުން ބަންގްލަދޭޝްގެ ހަކަތައާ ބެހޭ ވަޒީރު ނަޞީރުލް ޙާމިދު ވިދާޅުވީ، ތެލުގެ އަގު ކޮންޓްރޯލް މިންގަނޑެއްގައި ހިފެހެއްޓުމަށް އެ ޤައުމުގެ ސަރުކާރުން ދިޔައީ ސަބްސިޑީ ދެމުން ކަމުގައެވެ. ނަމަވެސް، އެއީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާ މިންވަރަށް ބަލާއިރު، ސަބްސިޑީ ދީގެން ތެލުގެ އަގު ހިފެހެއްޓުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން ކަމުގައެވެ. އެ ޤައުމުގައި ޕެޓްރޯލް ލީޓަރެއް ވިއްކާ އަގު ވަނީ 1.37 ޑޮލަރަށް އުފުލިފައެވެ. ކުރިން ވިއްކަނީ 0.91 ޑޮލަރަށެވެ. އަދި، ޑީސަލާމައި ކަރާސީނު ވިއްކާ އަގުތައް ވެސް ވަނީ 42.5 އިންސައްތަ އުފުލިފައެވެ. މި ކަމާ ގުޅިގެން، ބަންގްލަދޭޝްގެ ޢާންމު ރައްޔިތުންނަށް ވަނީ ޚަރަދުބަރަދު ބެލެހެއްޓުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

ބަންގްލަދޭޝަކީ 168 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޤައުމެކެވެ. "ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މި ވަނީ އިންތިހާއަށް އުފުލިފައި. އަޅުގަނޑުމެންނަށް ވެސް ތެޔޮ ގަންނަން ލިބެނީ އެ އަގުތަކުގައި. ޤަބޫލު ކުރަން ރައްޔިތުންނަށް ވިއްކާ ތެލުގެ އަގު ބޮޑު ކަން. ނަމަވެސް، ތެޔޮ ގަންނަން ލިބޭ އަގެއްގައި ވިއްކޭނީ ވެސް،" މި ކަމާ ގުޅޭ ގޮތުން ޙާމިދު ވިދާޅުވިއެވެ.

ތެލުގެ އަގު ބޮޑު ކުރަން ޖެހުނީ، އިޤްތިޞާދު މެނޭޖު ކުރުމަށް އެ ޤައުމުގެ ސަރުކާރަށް ނުކުޅެދުމުން ކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ރައްދު ދެއްވިއެވެ. އަދި، ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ކުރިން ވެސް ސަބްސިޑީ ދެމުން ދިޔަ ނަމަވެސް، ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކާ އެކު އެއީ ދެކޮޅުޖެހޭ ގޮތެއް ނޫން ކަމުގައި އޭނާ ވިދާޅުވިއެވެ. "ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވެއްޖެނަމަ، މި ޤައުމުގައި ވިއްކާ ތެލުގެ އަގަށް ވެސް ބަދަލުތަކެއް ގެނިވިދާނެ،" ޙާމިދު ވިދާޅުވިއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި، ޤައުމުގެ އިޤްތިޞާދު މެނޭޖު ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމުގައި ވެސް ޙާމިދު ވިދާޅުވިއެވެ. އަދި، ބަންގްލަދޭޝްގައި ވެސް ބޭރު ފައިސާގެ ރިޒާވް ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. ނަމަވެސް، ބޭރު ފައިސާގެ ރިޒާވް ހުސްވެ، އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި ފަދަ އިޤްތިޞާދީ ކާރިސާއެއް އެ ޤައުމަށް ކުރިމަތި ނުވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމުގައި ޙާމިދު ވިދާޅުވިއެވެ.

އިޤްތިޞާދު މެނޭޖު ކުރުމަށް ބަންގަލްދޭޝުން ވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)ގެ ލޯނަކަށް ހުސްވި ޖުލައި މަހުގެ ތެރޭގައި އެދިފައެވެ. އެއީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ހާލަތުގައި އައި.އެމް.އެފް.ގެ ލޯނަކަށް އެދުނު ދެކުނު އޭޝިޔާގެ ތިން ވަނަ ޤައުމެވެ. ސްރީލަންކާގެ އިތުރުން ޕާކިސްތާނުން ވެސް ވަނީ އިޤްތިޞާދު މެނޭޖު ކުރުމަށް އައި.އެމް.އެފް.އިން ލޯނަށް އެދިފައެވެ.