ޚަބަރު

ބްރިޖް ޕްލެޓްފޯމް ފަރަށް އެރީ އެންކަރިންގެ ތެރޭގައި


ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވަނީ އެ ސަރަޙައްދުގައި ޕްލެޓްފޯމް އެޅުމުގެ މަސައްކަތްކުރުމުގެ ތެރޭގައިކަމަށް ބްރިޖްގެ މަސައްކަތާ ހަވާލުވެ ހުންނަ ރާއްޖޭގެ އޮފީހުން ހާމަކޮށްފިއެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާ އިއްޔެ ވަނީ 3 މީހަކަށް އަނިޔާވެފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ބްރިޖްގެ މަސައްކަތާ ހަވާލުވެ ހުންނަ ރާއްޖޭގެ އޮފީހުން ވިދާޅުވީ އެ ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން އޭގެ ބައިތައް ނެގުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ. އަދި އެތަނުގެ ސަލާމާތީކަންކަން ހަރުދަނާކުރުމަށް މަސައްކަތްކުރަމުން އަންނަކަމަށްވެސް އެ އޮފީހުން ވިދާޅުވެއެވެ.

މިހާދިސާއާ ގުޅިގެން އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ އީޕީއޭއިން ވިދާޅުވީ އެ ޕްލެޓްފޯމް ފަރަށް އެރުމާއި ގުޅިގެން އެ ސަރަޙައްދުގެ ފަރަށް އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށްޓަކައި މަސައްކަތްތައްކުރަމުން އަންނަކަމަށެވެ. އަދި އީޕީއޭއިން ވަނީ އެސަރަޙައްދުގައި މަސައްކަތް ކުރާއިރު ތިމާވެއްޓަށް ގެއްލުން ނުލިބޭނެހެން މަސައްކަތްކުރުމަށް އިލްތިމާސްކޮށްފައެވެ.

ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަރަށް އަރާފައިވާކަން ވިލިމާލޭ ފުލުހަށް ފާހަގަވެގެން، އެކަން ބަލަން ފަށާފައިވަނީ އިއްޔެ މެންދުރު ފަހު 14:25 ހާއިރުކަމަށެވެ.

ބްރިޖުގެ ޢަމަލީ މަސައްކަތުގެ ތެރެއިން މިހާތަނަށް މަސައްކަތް ފަށާފައިވަނީ، މާލެއާއި ވިލިމާލެއާއި ދެމެދުގައި އަޅާ ބްރިޖްގެ މަސައްކަތެކެވެ. މި މަސައްކަތުގެ ބޭނުމަށް މާލޭގެ އިތުރުން ވިލިމާލެ ފުޓަރު ފަރާތުގައިވެސް ޕްލެޓްފޯމެއް ވަނީ ބަހައްޓާފައެވެ. ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަނީ ވިލިމާލޭގައި ބަހައްޓާފައިވާ ޕްލެޓްފޯމް، ވިލިމާލެ ފުއްޓަރުފަރާތު ފަރަށް އަރާފައިވާ މަންޒަރެވެ.

މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތް ކުރިއަށްދާތީ، މާލެއާއި ވިލިމާލެއާ ދެމެދު އޮންނަ ކަނޑުއޮޅިން ކަނޑު ދަތުރުކުރުން ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ މަނާވެސްކޮށްފައެވެ.