އުތުރު ކޮރެޔާއިން ކްރޫޒް މިސައިލް ޓެސްޓުތަކެއް ހަދާފައިވާ ކަމަށް ދެކުނު ކޮރެޔާއިން ހާމަކޮށްފިއެވެ. ދެކުނު ކޮރެޔާއިން ބުނީ، އުތުރު ކޮރެޔާއިން އެ ޤައުމުގެ ހުޅަނގު ފަރާތު އައްސޭރި ފަށަށް ދެ މިސައިލް ފޮނުވައިލާފައިވާ ކަމުގައެވެ. އަދި، މި މިސައިލްތައް ވެއްޓިފައި ވަނީ އެ ޤައުމުގެ ހުޅަނގު ކަނޑަށް ކަމުގައެވެ.
އުތުރު ކޮރެޔާއިން ކްރޫޒް މިސައިލް ޓެސްޓުތަކެއް ހަދާފައި މި ވަނީ، އެހެން ބައްރެއްގައި އޮތް ޤައުމަކަށް ވެސް ހަމަލާ ދިނުމުގެ ޤާބިލު ކަން ލިބިފައިވާ އިންޓަރކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް އެމެރިކާއިން ވެސް ޓެސްޓު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެމެރިކާއިން ޓެސްޓު ކޮށްފައިވާ "މިނިޓްމޭން 3" މަރުކާގެ މިސައިލަކީ ނިއުކްލިޔަރ ހަމަލާއެއް ދިނުމުގައި ބޭނުން ކުރެވިދާނެ ނުރައްކާތެރި މިސައިލެކެވެ. މި މިސައިލަކީ، 9,660 ކިލޯމީޓަރުގެ ދިގު ރާސްތާއަކަށް ދަތުރު ކުރެވޭ، ގަޑިއަކު 24,000 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރުމުގެ ޤާބިލުކަން ލިބިފައިވާ މިސައިލެކެވެ.
އުތުރު ކޮރެޔާއިން ކްރޫޒް މިސައިލްތަކެއް ޓެސްޓު ކޮށްފައި މި ވަނީ ދެކުނު ކޮރެޔާގެ ރައީސް ޔޫން ސުކް-ޔޯލްގެ ބަހުގެ ހަމަލާތަކެއް އުތުރު ކޮރެޔާގެ ލީޑަރަށް އަމާޒު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. ސުކް-ޔޯލްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފުލާއެއްގައި އޭނާ ވިދާޅުވީ އުތުރު ކޮރެޔާއިން ވެސް ޞުލްޙަ ޤާއިމު ކުރަން މަސައްކަތް ކުރަން ޖެހޭ ކަމުގައެވެ.
އުތުރު ކޮރެޔާއިން މިހާރު މުޅިން ވެސް މަސައްކަތް ކުރަނީ ސިޔާސީ މަޤުޞަދުތަކެއް ހާސިލު ކުރަން ކަމަށް ވިދާޅުވެ، ސުލް-ޔޯލް ވަނީ އެ ޤައުމުން ދައްކާ ވާހަކަތަކަކީ ޞުލްޙަ ޤާއިމު ކުރުމަށް މަގުފަހިވާ، އަދި ބިނާކުރަނިވި ވާހަކަތަކަކަށް ހެދުމަށް އެ ޤައުމުގެ ލީޑަރަށް ގޮވައިލައްވާފައެވެ. އަދި، އުތުރު ކޮރެޔާއިން ނިއުކްލިޔަރ ހަތިޔާރު އުފައްދަން ކުރާ މަސައްކަތްތައް ހުއްޓައިލައިފި ނަމަ، އެ ޤައުމަށް އިޤްތިޞާދީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ހުންނެވި ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އުތުރު ކޮރެޔާގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅޭ މަޝްވަރާތައް 2019 ވަނަ އަހަރު ވަނީ މެދުކެނޑިފައެވެ. އެ ޤައުމުން ބުނަނީ، ބޭރު ދުނިޔެއާ ޞުލްޙަވުމުގެ ނަމުގައި އެ ޤައުމުގެ ސަލާމަތާއި ރައްކާތެރި ކަން ވިއްކައި ނުލެވޭނެ ކަމުގައެވެ. ނަމަވެސް، ނިއުކްލިޔަރ ޕުރޮގުރާމާ ގުޅިގެން އެ ޤައުމާ ދެކޮޅަށް އިޤްތިޞާދީ ގޮތުން އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އުވައިލަން އެ ޤައުމުން ވަނީ އެދިފައެވެ.