އެސްޓީއޯގެ އެޖެންޓުންގެ ގޮތުގައި 320 ފަރާތެއް މިހާރު މަސައްކަތް ކުރަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯއިން ރަށްރަށުގައި އެ ކުންފުނީގެ އެޖެންޓުން ހަމަޖައްސާފައިވަނީ އެސްޓީއޯއިން ގެނެސް ވިއްކާ މުދާ މާލެއެކޭ އެއްގޮތައް އަތޮޅުތަކުގެ ރަށްތަކުންވެސް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށެވެ.
އެސްޓީއޯގެ އެމްޑީ ހުސައިން އަމްރު ވިދާޅުވީ، އެސްޓީއޯގެ ސްޕަމާރކެޓް އެޖެންޓުންގެ ގޮތުގައި މިހާރު 150 ފަރާތަކުން އަދި ކޮންސްޓްރަކްޝަން އެޖެންޓުންގެ ގޮތުގައި 170 ފަރާތަކުން މަސައްކަތް ކުރަމުން އަންނަކަމަށެވެ.
"އަޅުގަނޑުމެން ހުޅުވާލީ ސްޕަމާރޓްގެ އެޖެންޓުންނަށްވާށާ ކޮންސްޓްރަކްޝަން މެޓީރިއަލްގެ އެޖެންޓުންނަށްވާން. މިވަގުތު އެބަތިބި ގާތްގަނޑަކަށް 150 ސްޕަމާކެޓް އެޖެންޓުންނާއި 170 ކޮންސްޓްރަކްޝަން އެޖެންޓުން މުޅި ރާއްޖޭގައި. އަޅުގަނޑުމެން ބޭނުންވަނީ އެސްޓީއޯގެ ފިރާހައެއް ނެތަސް އެސްޓީއޯގެ ފިހާރަ ރަމްޒުކޮށްދޭ ނުވަތަ ރެޕްރެޒެންޓްކުރާ ވިޔަފާރިއެއް އެތާ ހުންނަން. އެގޮތުގެ މަތިން މިހާރު އަޅުގަނޑުމެން އެޕޮއިންޓްކޮށްފައި ހުރި ފިހާރަތަކަށް ހުންނާނެ ބޯޑުވެސް ދީފައި، އެސްޓީއޯ އެޖެންޓް ޖަހާފައި އިންނާނެ ފިހާރައިގެ ބޭރުގައި" އަމްރު ވިދާޅުވިއެވެ.
އަތޮޅުތަކުގެ ކުދި ވިޔަފާރިތައް ކުރިއެރުވުމަކީވެސް އެސްޓީއޯއިން އެޖެންޓުންނަށް ވާން ހުޅުވާލި މުހިންމު ބޭނުމެއްކަމަށް އެސްޓީއޯއިން ބުނެއެވެ.
އެޖެންޓުގެ ގޮތުގައި އައްޔަންކުރެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމާބެހޭ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިއެއް ހިންގާ ފަރާތްތައްކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.