ކުޅިވަރު

18 އަހަރުވީ ރިކޯޑު ޒުވާން ފެތުންތެރިޔާ މިރާލް މުގުރާލައިފި


ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބަޓަފްލައި އިވެންޓުގެ ގައުމީ ރިކޯޑު ރާއްޖޭގެ ޒުވާން ފެތުންތެރިޔާ މިރާލް އައިން ލަތީފް މުގުރާލައިފިއެވެ.

އުމުރުން 12 އަހަރުގެ މިރާލް އެ ރިކޯޑު މުގުރާލީ އަންގާރަ ދުވަހު ކުރިއަށްދިޔަ އިވެންޓުގެ ހީޓް ދޭއްގައި ވާދަކޮށް 1 މިނެޓު 20.80 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ގައުމީ ރިކޯޑު މީގެ ކުރިން އާކޮށްފައިވަނީ މީގެ 18 އަހަރު ކުރިން، 2004 ވަނަ އަހަރު ޕާކިސްތާންގެ އިސްލާމްއާބާދުގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި އައިޝަތު ސައުސަންއެވެ. އެ ފަހަރު ސައުސަން އިވެންޓް ފުރިހަމަކޮށްފައިވަނީ 1 މިނެޓު 21.81 ސިކުންތުންނެވެ.

މިއީ މި ފަހަރުގެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ފެތުންތެރިން ހެދި ދެވަނަ ގައުމީ ރެކޯޑެވެ. އެގޮތުން މި ގޭމސްގައި މީގެ ކުރިން މުގުރާލާފައިވަނީ ފިރިހެނުންގެ ލޯންގް ކޯސް ހަތަަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުގެ ގައުމީ ރިކޯޑެވެ. އަދި ދާދި ފަހުން އިނގިރޭސިވިލާތުގެ ބާމިންހަމުގައި ނިމިގެންދިޔަ ކޮމަންވެލްތު ގޭމްސްގައި ގައުމީ ފެތުންތެރިންގެ ޓީމުން ވަނީ ޖުމްލަ ހަތް ރިކޯޑެއް އާކޮށްފައެވެ.