ޚަބަރު

ޢަދުލު އިންސާފު އަދި ޤާނޫނީ ދާއިރާގެ އިޞްލާހީ މަސައްކަތްތަކުގެ ނަތީޖާ ވަޒަން ކުރަނީ


ޢަދުލު އިންސާފު އަދި ޤާނޫނީ ދާއިރާއަށް އަމާޒުކޮށްގެން ހިންގާ އިޞްލާހީ މަސައްކަތްތަކުގެ ނަތީޖާ ވަޒަންކުރުމުގެ މަސައްކަތް އެޓަރނީ ޖެނަރަލްގެ އޮފީހުގެ އިސްނެގުމުގެ މަތިން ފަށައިފިއެވެ.

އެޓަރނީ ޖެނަރަލްގެ އޮފީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ޙުސައިން ޙަސަން ވިދާޅުވީ އެ އޮފީހުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެ މަސައްކަތުގެ މަޤްޞަދަކީ، ޢަދުލު އިންސާފުގެ ދާއިރާ ހަރުދަނާކުރުމަށްޓަކައި މިހާތަނަށް ހުށަހަޅާފައިވާ ކަންކަން ދިރާސާކޮށް، މި ދާއިރާގައި ހިމެނޭ އެކިއެކި މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅު ތަންފީޛުކޮށްފައިވާ މިންވަރު ދެނެގަތުމާއެކު، އެކަންކަން ތަންފީޛުކުރުމުގައި ދިމާވަމުންދާ ގޮންޖެހުންތައް ދެނެގަތުން ކަމަށެވެ. އަދި މިކަމުގައި ހައްލު ހޯދުމަށްޓަކައި ބޭނުންވާ ފަންނީ އަދި އެނޫންވެސް އެހީތެރިކަން ދެނެގަނެ، ތަންފީޒުކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރެވިގެންދާނެ ކަމަށް ހުސައިން ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން މަރުޙަލާއަކަށް ބަހާލައިގެންނެވެ. އެގޮތުން، ފުރަތަމަ މަރުޙަލާގައި، ޢަދުލު އިންސާފުގެ ދާއިރާއާއި ޤާނޫނީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް ދިރާސާކޮށް، އެ ހުރިހާ ފިޔަވަޅުތަކެއް އެނގޭނެ ކަރުދާހެއް ތައްޔާރުކުރެވޭނެއެވެ. އަދި ދެވަނަ މަރުޙަލާގައި، މި ކަރުދާހުގައި ހިމެނޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ވަކިވަކި ސްޓޭކްހޯލްޑަރުންނާއެކު ބައްދަލުވުންތައް ބާއްވައި، ފިޔަވަޅުތައް ތަންފީޛުކުރެވިފައިވާ މިންވަރު ދެނެގަތުމާއެކު، މި ތަންފީޛުކުރުމުގެ މަސައްކަތުގައި ހުރި ދަތިތައް ދެނެގަނެ، ގެންނަންޖެހޭ ބަދަލުތައް ދެނެގަނެވޭނެއެވެ.

ތިންވަނަ މަރުޙަލާގައި، ތަންފީޛުކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގެ ޕްލޭނެއް އެކުލަވައިލެވޭނެއެވެ. އަދި މި ޕްލޭނަށް ބިނާކޮށް، ބައިނަލްއަޤްވާމީ ފަރާތްތަކުގެ ފަންނީ އެހީތެރިކަން ބޭނުންވާ ދާއިރާތަކާއި ކަންކަން ދެނެގަނެ، ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ ދާއިރާ އަދި ޤާނޫނީ ދާއިރާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ އެކި އެކި ބައިނަލްއަޤްވާމީ ފަރާތްތަކާއެކު ބައްދަލުވުންތައް ބޭއްވޭނެއެވެ. 

މި މަސައްކަތް މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ނިމޭނެކަމަށް ލަފާކުރެވެއެވެ. މި މަސައްކަތް ކުރިއަށް ގެންދެވޭނީ ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖުޑީޝަލް އެކެޑެމީއާއި، ހުރިހާ ކޯޓުތަކާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި، ދިވެހިރާއްޖޭގެ ބާ ކައުންސިލާއި، ދިވެހިރާއްޖޭގެ ޢަދުލު އިންސާފުގެ އަދި ޤާނޫނީ ދާއިރާގައި ހިމެނޭ ޖަމްޢިއްޔާތައް ޝާމިލުވާ ގޮތުގެ މަތިންނެވެ.