ކުޅިވަރު

ކޯޗު އިންމަ އަލުން ޤައުމީ ޓީމްގެ ކޯޗުގެ އެހީތެރިއަކަށް


ކޯޗު އިސްމާއީލް މަހުފޫޒް ( އިންމަ ) އަލުން ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗުގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޓީމާއި ގުޅިއްޖެއެވެ. ސާފް ސުޒުކީކަޕްގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ޤައުމީ ޓީމާއެކު މަސައްކަތްކުރުމަށްފަހު ކޯޗިންގ ޓީމްގެ ތެރޭގައި އޮތް ހިޔާލުތަފާތުވުންތަކުގެ ތެރެއިން ކޯޗު އިންމަވެސް ފެނުނީ ޓީމާއި ދުރުވިތަނެވެ.އިންމަ ޓީމާއި ދުރުގައި ހުރިނަމަވެސް ޓީމާއި ވަކިވިކަން، އަދި ކޯޗާއެކު މަސައްކަތް ނުކުރާނެކަމަށް ބުނެފައެއްނުވެއެވެ. ނަމަވެސް އޭގެފަހުން ޤައުމީ ޓީމް ބަންގްބަންދް ގޯލްޑްކަޕްގައި ވާދަކުރިއިރު އިންމަ ޓީމާއެކު ދަތުރެއް ނުކުރެއެވެ. އަދި އެމުބާރާތަށް ތައްޔާރުވާން މާލޭގައި ކުރި ޕްރެކްޓިސްތަކުގައިވެސް ބައިވެރިއެއްނުވެއެވެ. އޭރު އޭނާ ބުނެފައިވަނީ އެފްއޭއެމްއާއި ކޯޗާއި މަޝްވަރާކޮށް ވާހަކަދައްކައިގެން ކަންކަން ރަނގަޅުކުރުމުގެ ވިސްނުމުގައި ހުރިކަމަށެވެ. އިންމަ މަސައްކަތްކޮށްފައިވަނީވެސް އެގޮތަށެވެ.ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމް މިއަދު ސައުތް އޭޝިއަން ގޭމްސްއަށް ދިޔައިރު ޓީމާއެކު އިސްމާއީލް މަހުފޫޒް ދަތުރުކުރިއެވެ. ޓީމް ފުރަން ދިޔައިރު އެތަނުން އިންމަ ފެނުމުން ބައެއް ކުޅުންތެރިންނަށްވެސް ލިބުނީ ހައިރާންކަމެކެވެ. ބައެއް ކުޅުންތެރިން އެކަމާއި ގުޅޭގޮތުން އިންމައާއި ސުވާލުކުރި ނަމަވެސް އެކަމަށް މާބޮޑު ޖަވާބެއް ދީފައެއްނުވެއެވެ. އިންމަ އަލުން ޓީމާއެކު މަސައްކަތް ފެށިނަމަވެސް ސުޒުކީކަޕްގައި އެސިސްޓެންޓް ކޯޗަކަށް ހުރި އަސްއަދު އަބުދުލްޣަނީއާއި، ގޯލްކީޕަރ ޓްރޭނަރ އަސްލަމް އަބްދުއްރަހީމް ވަނީ މަޤާމުން އިސްތިއުފާދީ ޓީމާއި ދުރުފެވައެވެ.