ރާއްޖޭގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ "ރިސޯޓް ލީގު 2022" ގެ ސައުތު މާލޭ ޒޯނުގެ ފައިނަލް މެޗުގައި ޕެނަލްޓީގައި ދަ މެރީނާ ބަލިކޮށް ޗެމްޕިއަންކަން އޯޒެން ރިޒާވް ބޮލިފުށިން ހޯދައިފިއެވެ.
މުބާރާތުގެ ޗެމްޕިއަންކަން ބޮލިފުށި ހޯދީ ޖުމްލަ 11 ޓީމެއް ވާދަކުރި މި ޒޯނުގެ ފައިނަލުގައި ހޯމަ ދުވަހުގެ ހަވީރު މެރީނާއާ ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 4-4 ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން، ޕެނަލްޓީ ޖަހައިގެން 8-9 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
މިއީ ބޮލިފުށީގެ ނަމުގައި އެ ޓީމުން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މީގެކުރިން 2016 ވަނަ އަހަރު އެ ޓީމު ވަނީ ޖުމެއިރާ ވިޓަވެލި ނަމުގައި ޗެމްޕިއަންކަން ހޯދާފައެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި ގިނަ އަދަދެއްގެ ސަޕޯޓަަރުންވެސް މެޗު ބެލުމަށް ހާޒިރުވިއެވެ.
ފައިނަލަށްފަހު މި ޒޯނުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ވަނީ އިނާމުދީފައެވެ. އެގޮތުން ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބޮލިފުށީގެ އިބްރާހީމް މުޙައްމަދެވެ. ސައުތު މާލޭ ޒޯނުން މި އަހަރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކަށް ހޮވުނީ ފިހާޅޮހީގެ އިބްރާހިމް ސޮލާހެވެ. އޭނާ ވަނީ މުބާރާތުގައި ޖުމްލަ 16 ލަނޑު ޖަހާފައެވެ.
އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވުނީ މެރީނާގެ މުޙައްމަދު ސަމީހާއި، މުޙައްމަދު ރަޝީދާއި، ނޫހު އިބްރާހީމުގެ އިތުރުން ބޮލިފުށީގެ މުޙައްމަދު ރަޝީދު އަދި މުޙައްމަދު މުނައްވަރެވެ. މި ޒޯނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެރީނާގެ މުޙައްމަދު އާޒިމެވެ. އަދި އެންމެ މޮޅު ކޯޗަކަށް ހޮވުނީ މެރީނާގެ އަބްދުﷲ ނަސީމެވެ.
ސައުތު މާލޭ ޒޯނުގެ ކާމިޔާބީއަށް ފަހު ދެން ކުރިޔަށް އޮތީ ނޯތު މާލޭ ޒޯނުގެ ކުޅުމެވެ. މާލެ އަތޮޅުގެ އުތުރު ބިތަށް ނިސްބަތްވާ ރިސޯޓުތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 13 ޓީމެއް ވަނީ ބައިވެރިވެފައެވެ.
ސައުތު މާލޭ ޒޯނާއެކު ޖުމްލަ ތިން ޒޯނެއްގެ ކުޅުން މި ވަނީ ނިމިފައެވެ. އެގޮތުން ދާލު އަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ކަނޑިންމަ މޯލްޑިވްސްއިން ހޯދިއިރު، އަރިއަތޮޅުގެ ރިސޯޓުތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކޮންރެޑް މޯލްޑިވްސްއެވެ.