ޚަބަރު

މެކްސިކޯގެ މައިނެއްގައި ބަޔަކު ބަންދުވެފައިވާތާ 13 ދުވަސް


މެކްސިކޯގެ ކޮއަވުއިލާ ސްޓޭޓްގެ މައިނެއްގައި ބަންދުވެފައިވާ 10 މީހުން ސަލާމަތް ކުރުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ. ޕިނަބޭތޭގެ ނަން ދީފައިވާ މި މައިންގައި މަސައްކަތް ކުރާ 10 މީހުން އެ ތަނުގެ ތެރޭގައި ބަންދުވީ، އެ މައިން އިތުރަށް ކޮނުމުގެ މަސައްކަތް ކުރަނިކޮށް، އެ ތަނުގެ ފާރެއް ވެއްޓި ފެންބޮޑުވުމާ ގުޅިގެންނެވެ.

މި ހާދިސާ ހިނގާފައި ވަނީ އޮގަސްޓު 3 ވަނަ ދުވަހުއެވެ. އަދި، ބަންދުވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުންދާތާ 13 ދުވަސް ފާއިތުވެފައި ވާއިރު، މައިންގެ ތެރޭގައި ފެން ބޮޑުވުމުގެ ސަބަބުން މި މަސައްކަތަށް ވަނީ ހުރަސް އެޅިފައެވެ. މައިންގެ ތެރޭގައި ފެން ބޮޑުވީ، އެ ތަނާ އިންވެގެން އޮންނަ އެހެން މައިނެއް ކަމުގައިވާ ކޮންޗާސް ނޮރްތޭގެ ސަބަބުން ކަމުގައި މެކްސިކޯގެ އޮފިޝަލުން ބުނެއެވެ.

ކޮންޗާސް ނޮރްތޭ މައިނަކީ، ފެން ބޮޑުވުމާ ގުޅިގެން 1996 ވަނަ އަހަރު ބަންދު ކޮށްފައިވާ މައިނެކެވެ. އެ ތަނުގައި 2 މިލިޔަން ކިޔުބިކް މީޓަރުގެ ފެން ހެދިފައިވާ ކަމަށާއި، ޕިނެބޭތޭ މައިންގެ ފާރެއް ވެއްޓުމާ އެކު، މި ދެ މައިން ގުޅިފައިވާ ކަމަށް މެކްސިކޯގެ އޮފިޝަލުން ބުނެއެވެ.

މެކްސިކޯގެ އޮފިޝަލުން މިހާރު މަސައްކަތް ކުރަމުން ދަނީ ދެ މައިން ގުޅިފައިވާ ސަރަޙައްދު ބަންދުކޮށް، އެ ތަނުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށެވެ. މި މަސައްކަތުގެ ދަށުން ޕިނަބޭތޭ މައިންގައި ބޮޑުވެފައިވާ ފެންގަނޑު 100 ފޫޓަށް ތިރިކުރެވުނު ކަމަށް އޮފިޝަލުން ކުރިން ބުނި ނަމަވެސް، ފެންގަނޑު އަނެއްކާ ވެސް ވަނީ 135 ފޫޓަށް ވުރެ މައްޗަށް އަރާފައެވެ.

މައިންގައި އިތުރަށް ފެން ބޮޑުވެފައި ވަނީ، އެ ތަނުގައި ބަންދުވެފައިވާ މީހުން ސަލާމަތް ކުރުމަށް ޓީމުތަކުން މައިންގެ ތެރެއަށް ފޭބުމަށް ތައްޔާރުވަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެ ތަނުގައި ބަންދުވެފައިވާ މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ވަރަށް ކުޑަ ކަމަށް އެ މީހުންގެ ޢާއިލާތަކުން ބުނެއެވެ. އަދި، މައިންގައި ބަންދުވެފައިވާ މީހުން ސަލާމަތް ކުރަމުންދާ މަސައްކަތުގެ ދުވެލި ވަރަށް ލަސް ކަމަށް ވެސް ޢާއިލާތަކުން ތުހުމަތު ކުރެއެވެ.