ޚަބަރު

ރަޝިޔާގެ ކުލީ ސިފައިންގެ މައި މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް


ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވާ ރަޝިޔާއިން ވާގިވެރިވެދޭ ކުލީ ސިފައިންގެ ޖަމާޢަތެއް ކަމުގައިވާ ވެގްނާ ގުރޫޕުގެ މައި މަރުކަޒަކަށް ޔޫކްރެއިން ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާ ދީފައި ވަނީ ޔޫކްރެއިނުގެ އިރުމަތީ ސަރަޙައްދެއް ކަމުގައިވާ ލުހާންސްގައި ވެގްނާ ގުރޫޕުން ބޭނުން ކުރާ މައި މަރުކަޒަށެވެ.

މި ހަނގުރާމައިގައި ޔޫކްރެއިން ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އެތަކެއް ލާއިންސާނީ އަމަލުތަކެއްގެ ފަހަތުގައި ތިބި ބަޔަކީ ވެގްނާ ގުރޫޕުގެ ކުލީ ސިފައިންގެ މެންބަރުން ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރެއެވެ. އެ ގުރޫޕުގެ މައި މަރުކަޒު ހުންނަ ތަން ޔޫކްރެއިން ސިފައިންނަށް ހާމަވީ، އެ މީހުންނާ ބެހޭ ގޮތުން ރިޕޯޓުތަކެއް ތައްޔާރު ކުރި ނޫސްވެރިއަކަށް، އެ މީހުންގެ މައި މަރުކަޒުގެ އެޑްރެސް އޮޅުމަކުން ހާމަ ކުރެވުމާ ގުޅިގެންނެވެ.

ލުހާންސްކްގެ ގަވަރުނަރު ސެރްހީ ހެއިޑެއި ބުނީ، އެ ސަރަޙައްދުގެ ރަށެއް ކަމުގައިވާ ޕޮޕަސްނާގައި ހުންނަ ވެގްނާ ގުރޫޕުގެ މައި މަރުޒަކަށް ޔޫކްރެއިން ސިފައިން އާޓިލަރީ ބަޑީގެ ވަރުގަދަ ހަމަލާތަކެއް އަމާޒުކޮށްފައިވާ ކަމުގައެވެ. އަދި، މި ހަމަލާގައި އެ ޢިމާރާތް ހަލާކު ކޮށްލާފައިވާ ކަމަށާއި، ނަމަވެސް މަރުވި މީހުންގެ އަދަދު ސާފު ނުވާ ކަމުގައެވެ.
ޔޫކްރެއިނުގެ ދެ ސަރަޙައްދެއް ކަމުގައިވާ ކްރައިމިޔާއާއި ދޮންބެސްއަށް ރަޝިޔާއިން ވެގްނާ ގުރޫޕުގެ ކުލީ ސިފައިން ފޮނުވާފައި ވަނީ 2014 ވަނަ އަހަރުއެވެ. މީގެ އިތުރުން ސޫރިޔާ، ލީބިޔާ، އަދި މާލީއާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކްގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގައި ވެސް މި ގުރޫޕުގެ ކުލީ ސިފައިން ދަނީ ބައިވެރިވަމުންނެވެ.
މި ގުރޫޕުން ޔޫކްރެއިން ހަނގުރާމައިގައި ބައިވެރި ކުރަމުންދާ ކަން ރަޝިޔާއިން ރަސްމީ ސިފައެއްގައި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަމަވެސް، އެ ގުރޫޕަކީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންގެ ވަރަށް އަރިސް މީހެއް ކަމުގައިވާ ޔެވްގެނީ ޕްރިގޮޒިން ހިންގާ ޖަމާޢަތެއް ކަމުގައި ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ތުހުމަތު ކުރެއެވެ. އޭނާއަކީ ކޭޓެރިންގ ދާއިރާގައި މަސައްކަތް ކުރާ މީހެކެވެ.

ޔޫކްރެއިނުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރެއް ކަމުގައިވާ އޮލެކްސީ ހޮންޗަރެންކޯ ވިދާޅުވީ، ވެގްނާ ގުރޫޕުގެ މައި މަރުކަޒަށް ހަމަލާ ދިނުމަށް ޔޫކްރެއިން ސިފައިން ބޭނުން ކޮށްފައި ވަނީ އެމެރިކާއިން ފޯރުކޮށްދީފައިވާ "ހައިމާސް" މަރުކާރުގެ ރޮކެޓްތައް ކަމުގައެވެ. އޮލެނިވްކާގައި ހުންނަ ޖަލެއްގައި ބަންދުކޮށްފައި ތިބި ގިނަ އަދަދެއްގެ ޔޫކްރެއިން ސިފައިން މަރައިލީ ވެގްނާ ގުރޫޕުން ކަމަށް ވެސް ޔޫކްރެއިނުން ތުހުމަތު ކުރެއެވެ. އެ ހާދިސާ ހިނގާފައި ވަނީ ޖުލައި 29 އެވެ.