ޚަބަރު

ތާލިބާނުންގެ ވެރިކަމަށް އެއް އަހަރު!


މީގެ އެއް އަހަރު ކުރިން، 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ތާލިބާނުން ވަނީ އެ ޤައުމުގެ އިންތިޚާބީ ސަރުކާރު ވައްޓައިލާފައެވެ. އަދި، ވެރިރަށް ކާބުލް ހިފައި، އެ ޤައުމުގެ ވެރިކަމާ އަމިއްލައަށް ހަވާލުވެފައެވެ.

1990ގެ އަހަރުތަކުގެ ތެރޭގައި ވެސް ތާލިބާނުން ވަނީ އަފްޣާނިސްތާނުގައި ވެރިކަން ކޮށްފައެވެ. އެއިރު، ތާލިބާނުން އޮތީ އަފްޣާނިސްތާނުގައި އަންހެނުންގެ ހައްޤުތައް ވަރަށް ބޮޑަށް ހަނިކޮށްފައެވެ. ނަމަވެސް، އެ ވެރިކަމާ ތާލިބާނުންގެ އައު ވެރިކަމާ ހާސްބައި ތަފާތު ވާނެ ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ. އަދި، އެ ވެރިކަމާ ތަފާތުކޮށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރަން އެ ޖަމާޢަތުން ވަނީ ވަޢުދުވެފައެވެ.

މީގެ ތެރެއިން އެއް ވަޢުދަކީ އަންހެނުންނަށް ވަޒީފާ އަދާ ކުރުމުގެ ފުރުޞަތު ދިނުމާއި، އަންހެން ކުދިންނަށް ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ދިނުމުގެ ވަޢުދެވެ. މި ވަޢުދު ފުއްދިފައިވާ މިންވަރަށް ބަލައިލާއިރު ފެންނަނީ އަންހެނުންނަށް ލިބިދީފައި އޮތް ގިނަ ހައްޤުތަކެއް އަނެއްކާ ވެސް ނިގުޅައިގަނެފައިވާ މަންޒަރެވެ. މަހުރޫމް ކޮށްފައިވާ މަންޒަރެވެ. މީގެ ތެރޭގައި އެކަނި ބޭރަށް ނިކުމެ އުޅުން މަނާ ކުރުން ހިމެނެއެވެ.

މާރިޗު މަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ސްކޫލުތައް ވަނީ އަލުން ހުޅުވާފައެވެ. ނަމަވެސް، ތަޢުލީމު ހާސިލު ކުރުމުގެ ހައްޤުން އަންހެން ކުދިން އޮތީ މަހުރޫމު ކޮށްފައެވެ. އެ ކުދިންނަށް ސާނަވީ ތަޢުލީމުދޭ މަރުކަޒުތަކުގައި ކިޔެވުމުގެ ހައްޤެއް މިހާރަކު ނެތެވެ. ތާލިބާނުން ބުނަނީ، އެ ކުދިންނަށް އުނގަންނައިދޭނެ މުދައްރިސުން ނެތް ކަމުގައެވެ. މި ކަމާ ގުޅިގެން، ތަޢުލީމީ ދޮރުތައް ބަންދުވެފައިވާ ދަރިވަރުންގެ އަދަދު 1.1 މިލިޔަނަށް އަރައެވެ.

1998 އާއި 2019 ވަނަ އަހަރާ ދެމެދު، އަފްޣާނިސްތާނުގައި މަސައްކަތުގައި މައިދާނަށް ނުކުމެފައިވާ އަންހެނުންގެ އަދަދު ވަނީ 15 އިންސައްތައިން 22 އިންސައްތައަށް އިތުރުވެފައެވެ. ނަމަވެސް، ތާލިބާނުންގެ އައު ވެރިކަމާ އެކު އެ އަދަދު ވަނީ 15 އިންސައްތަ ދަށަށް ގޮސްފައެވެ. މީގެ އިތުރުން ވެސް، އަންހެނުން ދަށު ކޮށްލުމަށް ތާލިބާނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަން ފާހަގަ ކުރެވެއެވެ. ހައްޤުތަކުގައި ދިފާޢުގައި އަޑުއުފުލަން މަގުތަކަށް ނިކުތް އަންހެނުންނަށް ކުރިމަތިލާން ޖެހުނީ ތާލިބާން ފުލުހުންނާއި ސިފައިންގެ މުގުރުތަކާއެވެ.

އަފްޣާނިސްތާނުގެ އިޤްތިޞާދު އަލުން ކޮޅަށް ޖެހުމަކީ ވެސް ތާލިބާނުންގެ މުހިންމު ވަޢުދެކެވެ. ނަމަވެސް، އ.ދ.އިން ތައްޔާރު ކޮށްފައިވާ ރިޕޯޓަކުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ތާލިބާނުންގެ ވެރިކަމުގައި އެ ޤައުމުގެ އިޤްތިޞާދު 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށް ދިޔައެވެ. އަފްޣާނިސްތާނަށް ބޭރު ޤައުމުތަކުގެ އެހީގެ ކޮންމެ ވެސް މިންވަރެއް މިހާރު ވެސް ލިބެމުން ދިޔަ ނަމަވެސް، އެ ޤައުމުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ވަރަށް ނިކަމެތި، ދަތި ހާލަތެއްގައެވެ. މި ކަމުގެ އެއް ސަބަބަކީ، އަފްޣާނިސްތާނަށް ދޭން ބޭރު ޤައުމުތަކުން ވަޢުދުވެފައިވާ ފައިސާގެ ބޮޑު ބައެއް، ފްރީޒްކޮށް ހިފެހެއްޓުމެވެ. މި ކަމަށް ހައްލެއް ހޯދުމުގެ ގޮތުން ތާލިބާނުން ވަނީ ޓެކްސްތައް ބޮޑު ކޮށްފައެވެ. 2021 ސެޕްޓެންބަރުން ޑިސެންބަރު މަހުގެ ނިޔަލަށް އެ ޤައުމަށް ލިބިފައިވާ އާމްދަނީގެ އަދަދު 400 މިލިޔަން ޑޮލަރަށް އަރާ ކަމަށް ތާލިބާނުން ބުނެއެވެ. އަދި، ބޯޓުދެލި އެކްސްޕޯޓު ކުރާ މިންވަރު ވެސް ވަނީ އިތުރު ކޮށްފައެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއާ ހަނގުރާމަ ކުރުމަކީ ވެސް ތާލިބާނުންގެ ވަޢުދެކެވެ. އަފްޣާނިސްތާނަކީ، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ހެރޮއިން އުފެއްދުމަށް ބޭނުން ކުރާ އޯޕިޔަމް ގިނަ އަދަދަކަށް ހައްދައި، ފޯރުކޮށްދޭ އެއް ޤައުމެވެ. އަދި، އޭޕްރިލް މަހުގެ ތެރޭގައި ތާލިބާނުން ވަނީ އޯޕިޔަމް ހެއްދުމަކީ މަނާ ކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އަދި، މި ވަޢުދު ފުއްދުމުގައި ތާލިބާނުން ވަނީ ކޮންމެ ވެސް ވަރެއްގެ ކުރިއެރުންތަކެއް ހޯދާފައެވެ.

އަފްޣާނިސްތާނަކީ ޞުލްޙަވެރި އަދި އަމާން ތަނަކަށް ހެދުމަށް ވެސް ތާލިބާނުން ވަނީ ވަޢުދުވެފައެވެ. އަދި، މި ދާއިރާއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ނަމަވެސް، 2021 އޮގަސްޓު މަހާއި މި އަހަރުގެ ޖޫން މަހާއި ދެމެދު އެ ޤައުމުގައި ދީފައިވާ ތަފާތު އެކި ހަމަލާތަކުގައި ޢާންމުންގެ 700 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި، 1,400 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. ނަމަވެސް، މިއީ އޭގެ ކުރީ އަހަރުތަކާ އަޅައިބަލާއިރު ވަރަށް މަދު އަދަދުތަކެކެވެ. މިދިޔަ އަހަރު މަރުވި ޢާންމުންގެ އަދަދު އުޅެނީ 2,000 އިން މަތީގައެވެ. އަދި ޒަޚަމްވެފައިވާ ޢާންމުންގެ އަދަދު 6,000 އަށްވުރެ މައްޗަށް އަރައެވެ.

ތާލިބާނުންގެ ވެރިކަމާ އެކު، އެ ޖަމާޢަތާ ދެކޮޅަށް ވެސް ހަތިޔާރު އެޅި ގިނަ ޖަމާޢަތްތަކެއް ވަނީ އުފެދި، ތެދުވެފައެވެ. މީގެ ތެރޭގައި ނޭޝަނަލް ރެސިސްޓެންސް ފްރޮންޓް (އެން.އާރް.އެފް)ގެ އިތުރުން އަފްޣާނިސްތާން ފްރީޑަމް ފްރަންޓް (އޭ.އެފް.އެފް) ހިމެނެއެވެ. އަދި، އައި.އެސް. ޖަމާޢަތަށް ވަފާތެރި ހަނގުރާމަވެރި ޖަމާޢަތްތަކުން ވެސް އަފްޣާނިސްތާނުގައި ދަނީ ހަރަކާތްތެރި ވަމުންނެވެ.