ޚަބަރު

ހަތިޔާރު އުފެއްދުމުގައި އެންމެ ކުރިއަރާފައިވާ ޤައުމަކީ ރަޝިޔާ: ޕުޓިން


ދިފާޢީ ދާއިރާއާއި ހަތިޔާރު އުފެއްދުމުގެ ދުނިޔޭގައި މި ވަގުތު އެންމެ ކުރިއަރާފައިވާ އަދި އެންމެ ކުޅަދާނަ އަދި ކުރިއަރާފައިވާ ޤައުމަކީ ރަޝިޔާ ކަމުގައި އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ. ރަޝިޔާގެ ވެރިރަށް މޮސްކޯގައި އޮތް ދިފާޢީ ކަންކަމާ ގުޅޭ ޝޯއެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، ރަޝިޔާގައި އުފައްދާ ހަތިޔާރު އެކުވެރި ޤައުމަކަށް ވިއްކަން އެ ޤައުމުން އޮތީ ތައްޔާރަށް ކަމުގައެވެ. އަދި، އަސްކަރީ އަދި ދިފާޢީ ދާއިރާއިން ޓެކްނޮލޮޖީ އީޖާދުކޮށް، އުފެއްދުމުގައި ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ކަމުގައެވެ.

ރަޝިޔާގެ ދިފާޢީ ދާއިރާގެ އުފެއްދުންތަކާ ގުޅޭ ގޮތުން ޕުޓިން ވިދާޅުވީ، އެއީ ކުރިއަރާފައިވާ އެހެން ޤައުމުތަކުގައި އުފައްދާ ހަތިޔާރާ އަޅައިބަލާއިރު، މާ ފަހުގެ ޓެކްނޮލޮޖީ ބޭނުން ކޮށްގެން އުފައްދާފައިވާ ހަތިޔާރު ކަމުގައެވެ. އަދި، ހުރިހާ ގޮތަކުން ވެސް އެހެން ޤައުމުތަކުގައި އުފައްދާ ހަތިޔާރަށް ވުރެ ކުރިއަރާފައިވާ، ޤާބިލު، އަދި ކުޅަދާނަ ހަތިޔާރު ކަމުގައެވެ.

ލެޓިން އެމެރިކާގެ ޤައުމުތަކުގެ އިތުރުން އޭޝިޔާއާއި އެފްރިކާ ބައްރުގެ ޤައުމުތަކާ އެކު ދިފާޢީ ދާއިރާއިން ގުޅުން ބަދަހި ކުރަން ބޭނުންވާ ކަމުގައި ވެސް ޕުޓިން ވިދާޅުވިއެވެ. "އެކުވެރި ޤައުމުތަކަށް ބަޑި، އާމަރޑް އުޅަނދުފަހަރު، އާޓިލަރީ، އަސްކަރީ މަތިންދާބޯޓު، އަދި ޑްރޯން ފޯރުކޮށްދޭން ރަޝިޔާ އޮތީ ތައްޔާރަށް،" އޭނާ ވިދާޅުވިއެވެ. "އެ ހުރިހާ ހަތިޔާރަކާއި އުޅަނދުތަކަކީ، ހަނގުރާމައިގެ މައިދާނުގައި ޓެސްޓުކޮށް، ފާސްވެފައިވާ ތަކެތި."

ޕުޓިން މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވީ ނަމަވެސް، ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފަށާފައިވާ ހަނގުރާމައިގައި ފަހަކަށް އައިސް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައެއް ނެތެވެ. އަދި، ހަނގުރާމައިގެ ކުރީކޮޅު ހިފާފައިވާ ސަރަޙައްދުތަކުގައި އެ ޤައުމުގެ ސިފައިންނަށް ދަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހެމުންނެވެ. ރަޝިޔާ ސިފައިންގެ އަމާޒުތަކަށް ހަމަލާ ދޭން ޔޫކްރެއިން ސިފައިން ދަނީ އެމެރިކާގައި އުފައްދާފައިވާ ދުރުރާސްތާ ބަރު ހަތިޔާރު ބޭނުން ކުރަމުންނެވެ.

ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް ލިބެމުންދާ ނާކާމިޔާބީތަކާ ގުޅިގެން، އެ ޤައުމުގައި އުފައްދާ ހަތިޔާރު ގަތުމަށް އެހެން ޤައުމުތަކުން ފަސްޖެހިދާނެ ކަމަށް ޤަބޫލު ކުރެވޭ ކަމުގައި އަސްކަރީ ދާއިރާގެ މާހިރުން ޤަބޫލު ކުރެއެވެ. ރަޝިޔާގެ ދިފާޢީ ދާއިރާގެ އުފެއްދުންތަކަށް ބަރޯސާވާ އެއް ޤައުމަކީ އިންޑިޔާއެވެ. އިންޑިޔާގެ އަސްކަރިއްޔާއިން ބޭނުން ކުރާ ހަތިޔާރާއި އަސްކަރީ އުޅަނދު ފަހަރުގެ ތެރެއިން ބޮޑު ބައެއް ފޯރުކޮށްދީފައި ވަނީ ރަޝިޔާއިންނެވެ.