ޚަބަރު

މަޝްހޫރު ދެ އެކްޓަރުންގެ ބޮޑު ދެ ފިލްމުވެސް ފްލޮޕަކަށް


މި މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރި އާމިރު ޚާން ލީޑް ރޯލުން ފެންނަ "ލާލް ސިންގް ޗައްޑާ" އާއި އަކްޝޭ ކުމާރު ލީޑް ރޯލުން ފެންނަ "ރަކްޝާ ބަންދަން" އަކީ ބެލުންތެރިންނާއި ހިންދީ ސިނަމާގެ ގިނަ ބަޔަކު ބޮޑެތި އުންމީދުތަކެއް ކުރި ދެ ފިލްމެކެވެ.

ނަމަވެސް މި ދެ ފިލްމަށްވެސް ބެލުންތެރިންގެ ފަރާތުން މިހާތަނަށް ލިބިފައިވަނީ ވަރަށް ފިނި ތަރުޚީބެކެވެ. ދެ ފިލްމުވެސް އެޅުވި ދުވަހު ލިބިފައިވަނީ އުންމީދުކުރިވަރަށްވުރެވެސް މާ ދަށް އާމްދަނީއެކެވެ.

މި ދެ ފިލްމަށް މިހާ ފިނި ތަރުޚީބެއް ލިބުނުގޮތާއިމެދު ހިންދީ ފިލްމުތައް ދިރާސާ ކުރާ ބައެއް ފަރާތްތަކުން ވަނީ ވާހަކަ ދައްކާފައެވެ.

ޓްރޭޑް އެނަލިސްޓް އަތުލް މޯހަން ބުނި ގޮތުގައި ހަތަރު ފަސް އަހަރު ކުރިން އިންޓަނެޓް މެދުވެރިކޮށް ނުވަތަ އެނޫންވެސް ގޮތަކަށް މީހުންނަށް މި ކަހަލަ ފިލްމުތައް ބެލޭނެ ގޮތެއް ނޯވެއެވެ. ނަމަވެސް ބެލުންތެރިންނަށް "ލާލް ސިންގް ޗައްޑާ" އަކީ "ފޮރެސްޓް ގަމްޕް" ގެ ރީމޭކެއްކަން އެނގުމުން މި ފިލްމު ހިލޭ ވެސް ފޯނުން ފަސޭހައިން ޑައުންލޯޑް ކުރެވޭނެއެވެ. އެ ހޭލުންތެރިކަން މިހާރު މީހުންގެ މެދުގައި އިތުރުވެފައިވާކަމަށް އަތުލް ވަނީ ބުނެފައެވެ.

މީގެއިތުރުން "ލާލް ސިންގް ޗައްޑާ" އަކީ މީގެ 30 އަހަރު ކުރިން ރިލީޒްކޮށްފައިވާ "ފޮރެސްޓް ގަމްޕް" އަށްވުރެ މާދިގު ފިލްމެއްކަމަށާއި، ގާތްގަނޑަކަށް 3 ގަޑިއިރުގެ ފިލްމެއް ބަލަން މީހުން މިހާރު ނުތިބޭނެކަމަށްވެސް އަތުލް ބުންޏެވެ.

"ރަކްޝާ ބަންދަން" އާއި ގުޅޭގޮތުން އަތުލް ބުނީ ދެ ފިލްމު އެއްފަހަރާ ރިލީޒްކުރުމުން އެ ފިލްމު ނުހިނގީ ކަމަށެވެ. ކްލޭޝްއެއް އުޅޭނަމަ ވިޔަފާރި ބައިބައިވާނެކަން ޔަޤީންކަމަށް އަތުން ބުންޏެވެ. "ރަކްޝާ ބަންދަން" އަކީ ސޯލޯ ރިލީޒެއް ނަމަ ފުރަތަމަ ދުވަހު އެކަނިވެސް 4 ނުވަތަ 5 ކްރޯޑް ރުޕީސްގެ އާމްދަނީއެއް އެ ފިލްމު ހޯދީސްކަމަށް އަތުލް ޤަބޫލުކުރެއެވެ.

ޖައިޕޫރުގައި ހުންނަ އެންޓަޓެއިންމަންޓް ޕެރެޑައިސްގެ ވެރިޔާ ރާޖް ބަންސާލްވެސް އަތުލް އާއި އެއްބަސްވެއެވެ. ރާޖް ބުނިގޮތުގައި ދެ ފިލްމަށް ލިބުނު ރިވިއުތައްވެސް ވަރަށް ނެގެޓިވްއެވެ. އެއް ފިލްމަށް 3 ގަޑިއިރު ހޭދަވިއިރު، އަނެއް ފިލްމަށް ދެ ގަޑިއިރު ހޭދަވިއެވެ. "ލާލް ސިންގް ޗައްޑާ" އަށް 2 ގަޑިއިރާއި 15 މިނިޓް ހޭދަވި ނަމަ ރަނގަޅުވީސްކަމަށް ރާޖް ބުނެއެވެ. މި ދެ ފިލްމުގެވެސް ރިވިއުތައް ނެގެޓިވްކަން އޭނާވެސް ފާހަގަކުރިއެވެ.

ޓްރޭޑް ވެޓެރަން ތަރަން އަދާޝް ވަނީ އާމިރު އަށާއި އަކްޝޭއަސް ނުސީދާކޮށް ފާޑުކިޔާފައެވެ. ތަރަން ބުނާގޮތުން އިހަކަށް ދުވަހު ސިނަމާއަށް ނިކުތް ކާތިކް އާރިޔަން އަށް ވީވަރުވެސް މި ދެ ތަރިންނަށް ނުވިއެވެ. ހިންދީ ސިނަމާގައި އުޅެ އަކްޝޭ އާއި އާމިރު މުސްކުޅިވީ ފަހުން އައި ކާތިކަކީ އެމީހުންނާއި އަޅާބަލާއިރު ވަރަށް ހަގު ތަރިއެކެވެ.

ކާތިކަކީ އައު މޫނަކަށްވިޔަސް އޭނާގެ ފިލްމު "ބޫލްބުލައްޔާ 2" އަކީ މިއަހަރުގެ މިހާތަނަށް ބޮލީވުޑްގައި ރިލީޒްކުރި ފިލްމްތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. ފިލްމު އެޅުވި ފުރަތަމަ ދުވަހު އެކަނިވެސް 14.11 ކްރޯޑް ރުޕީސް އެ ފިލްމުން ވަނީ ހޯދާފައެވެ.

"ލާލް ސިންގް ޗައްޑާ" އާއި "ރަކްޝާ ބަންދަން" އާއި ޚިލާފަށް އެ ފިލްމު އެޅުވީ ބަންދު ދުވަހެއްގައި ނޫންކަންވެސް ތަރަން ފާހަގަކުރިއެވެ. "ލާލް ސިންގް ޗައްޑާ" އާއި "ރަކްޝާ ބަންދަން" އެޅުވީ ބަންދު ދުވަހެއްގައެވެ. އަދި އާމިރަކީ މޮޅު ރީތި ފިލްމުތަކެއް ބެލުންތެރިންނަށް ދޫކޮށްލާފައިވާ ތަރިއެއްކަމަށާއި، މީހުން އޭނާގެ ފިލްމުތަކަށް އިންތިޒާރު ކުރަނީ ކޮލިޓީ ފިލްމުތަކަކަށްވާތީ ކަމަށް ތަރަން ބުންޏެވެ.

އާމިރުގެ ފްލޮޕްވި ފިލްމު "ތަގްސް އޮފް ހިންދުސްތާން" ވެސް ފުރަތަމަ ދުވަހު 52.25 ކްރޯޑް ރުޕީސް ހޯދިކަމަށާއި ޗުއްޓީ ދުވަހެއްގައި "ލާލް ސިންގް ޗައްޑާ" އަށް މިހާ ދަށް އާމްދަނީއެއް ލިބުމަކީ ވިސްނަންވެއްޖެ ކަމެއްކަމަށް ތަރަން ވަނީ ބުނެފައެވެ.

އާމިރު އާއި ކަރީނާ ކަޕޫރު ލީޑް ރޯލުން ފެނުނު "ލާލް ސިންގް ޗައްޑާ" އެޅުވި ދުވަހު 14.11 ކްރޯޑް ރުޕީސް ލިބުނުއިރު ދެވަނަ ދުވަހު ލިބުނީ 7 ކްރޯޑް ރުޕީސް އެވެ. 3 ވަނަ ދުވަހު 10.60 ކްރޯޑް ރުޕީސް ލިބިފައިވެ އެވެ. އެކަމަކު އެއީ ކުރިން ނަމަ، އާމިރުގެ ފިލްމަކަށް އެންމެ ދުވަަހަކުން ލިބޭ ވަރުގެ އާމްދަނީއެކެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އަކްޝޭގެ "ރަކްޝާ ބަންދަން" އަށް 3 ދުވަހުން ލިބިފައި ވަނީ ގާތްގަނޑަކަށް 20 ކްރޯޑް ރުޕީސްއެވެ.