ދުނިޔެ

އުތުރު ކޮރެއާއިން މިސައިލް ޓެސްޓުކުރާ ކަމަށް ބުނެ، ކުށްވެރިކޮށްފި


އުތުރު ކޮރެއާއިން ސެޓަލައިޓެއް ލޯންޗް ކުރުމުގެ ނަމުގައި މިސައިލް ޓެސްޓް ކުރަން އުޅޭ ކަމަށް ބުނެ މިކަން ދެކުނު ކޮރެއާއާއި، ޖަޕާން އަދި އެމެރިކާއިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.އުތުރު ކޮރެއާއިން ވަނީ ކަމާބެހޭ އިދާރާތަކުގައި މިއަންނަ ހަފްތާ ތެރޭގައި އެޤައުމުން ސެޓަލައިޓެއް ލޯންޗް ކުރަން އުޅޭ ކަމުގެ މަޢުލޫމާތު ދީފައެވެ. މިކަން އިއުލާން ކުރުމާއިއެކު ދެކުނު ކޮރެއާއި، ޖަޕާނު އަދި އެމެރިކާއިން ވަނީ މިއީ ސެޓަލައިޓް ލޯންޗް ކުރުމުގެ ނަމުގައި އުތުރު ކޮރެއާއިން މިސައިލް ޓެސްޓް ކުރުމަށް ކުރާކަމެއް ކަމަށް ބުނެފައެވެ.ދެކުނު ކޮރެއާއިން ވަނީ މިކަމައިގެން ކުރިޔަށް ގޮސްފިނަމަ އުތުރު ކޮރެއާއަށް ބޮޑު ގެއްލުންތަކެއް ލިބޭނޭކަމުގެ އިންޒާރު ދީފައެވެ. އަދި މިއީ އދ. ގެ ސެކިއުރިޓީ ކައުންސިލްގެ ޤަވައިދުތަކާއި ޚިލާފަށް ކުރާ ކަމެއް ކަމަށް ބުނެ މިކަން ވަގުތުން ވަގުތައް ހުއްޓުމަށް ދެކުނު ކޮރެއާއިން އުތުރު ކޮރެއާއަށް ގޮވާލާފައިވެއެވެ.މިއީ ހަމަނުޖެހުން އުފެއްދުމަށް އުތުރު ކޮރެއާއިން ކުރާ ކަމެއް ކަމަށާއި، މިކަން ވަގުތުން ހުއްޓާލުމަށް ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ގޮވާލައްވާފައިވެއެވެ. އަދި މިފަދަ ޢަމަލެއް ވެގެންދާނީ ޖަޕާނުގެ ސަލާމަތަށްވެސް ނުރައްކާ ކުރާނެ ކަމެއްގެ ގޮތުގައި އަބޭ ވަނީ ސިފަކުރައްވާފައެވެ.