ޚަބަރު

"ޑާލިންގްސް" ބަލާފައި ދަރިފުޅާއި އިންނާނެ މީހަކު ނުވެދާނެތީ ވިޖޭގެ މަންމަ ކަންބޮޑުވެފައި


މިދިޔަ ހަފްތާ ރިލިޒްކުރި "ޑާލިންގްސް" ގައި މަސްތުވެ، އަނބިމީހާއަށް އަނިޔާކުރާ މީހެއްގެ ރޯލުން ފެންނަ ވިޖޭ ވަރުމާގެ އެކްޓިންއަށް ބެލުންތެރިންގެ ވަނީ ތައުރީފް އޮއްސާލާފައެވެ. ބައެއް މީހުން ވަނީ ފިލްމުގައި ވިޖޭ އަށް އަނިޔާކުރާތީ، ފިލްމަށް ފާޑުވެސް ކިޔާފައެވެ.

ބަނގުރާ ބޯ، އަނިޔާވެރި ފިރިމީހާ، "ހަމްޒާ ޝައިޚް" ގެ ރޯލު ކުޅެފައިވާ ވިޖޭ ވަނީ ފިލްމު ބަލާފައި އޭނާގެ މަންމަގެ ކަންބޮޑުވުން ހިއްސާކޮށްފައެވެ.

ވިޖޭ ބުނިގޮތުގައި އޭނާގެ މި ފިލްމު ބަލާފައި އޭނާގެ މަންމަ ހުރީ ބިރުގެންފައެވެ. މަންމަ ކަންބޮޑުވީ ފިލްމުގައި ވިޖޭގެ ރޯލަކީ އަނބިމީހާއަށް އަނިޔާކުރާ މީހެއްގެ ރޯލަށް ވީތީ، އޭނާއާއި ކައިވެނިކުރާނެ މީހަކު ނުވެދާނެތީ ކަމަށް ވިޖޭ ބުންޏެވެ.

ވިޖޭއަކީ ހައިދަރުއާބާދުގެ އާދައިގެ އާއިލާއަކުން އައިސްހުރި އެކްޓަރެކެވެ. ވިޖޭ އެކްޓިން ކިޔަފާވައި ވަނީ ޕޫނޭއިންނެވެ.

މިހާރު ނެޓްފިލްކްސްގައި "ޑާލިންގްސް" ރިލީޒްކޮށްފައިވާއިރު، ވިޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރީނާ ކަޕޫރް ޚާން އާއެކު ފެންނަ ފިލްމު "ޑިވޮޝަން އޮފް ސަސްޕެކްޓް އެކްސް"، ސޮނާކްޝީ ސިންހާ އާއެކު ފެންނަ "ދަހާދު"، "މިރްޒާޕޫރު 3" އަދި ސުމިތު ސަކްސޭނާގެ ކުރިއަށްއޮތް ފިލްމު ހިމެނެއެވެ.

"ޑާލިންގްސް" އަކީ ބްލެކް ކޮމެޑީ ފިލްމެކެވެ. ޖަސްމީތު ކޭ ރީން ޑައިރެކްޓް ކޮށްފައިވާ ފިލްމުގައި އާލިއާ އާއި ޝެފާލީގެ އިތުރުން ވިޖޭ ވަރްމާ އާއި ރޯޝަން މަތިއު ލީޑު ރޯލުން ފެނެއެވެ. މި ފިލްމު ކޯ ޕްރޮޑިއުސްކޮށްފައިވަނީ ޝާހްރުކް ހާންގެ ރެޑް ޗިލީ އެންޓަޓެއިންމަންޓުންނެވެ.

މި ފިލްމަށް ބެލުންތެރިންގެ ރަނގަޅު ތަރުޚީބެއް ލިބެމުންދާއިރު، ފިލްމުގައި ވިޖޭގެ އިތުރުން ހަމްޒާގެ އަންހެނުން "ބަދްރޫ" ގެ ރޯލުން ފެނިގެންދާ އާލިއާގެ އެކްޓިންގއަށްވެސް ގިނަ ބަޔަކު އަންނަނީ ތަޢުރީފުކުރަމުންނެވެ. ފަހަކަށް އައިސް އާލިއާ ކުޅޭ ފިލްމުތަކުގައި އޭނާގެ ކެރެކްޓަރތައް ތަފާތުވުމާއެކު، އާލިއާއަކީ މި ދާއިރާގައި ރަނގަޅު މުސްތަޤުބަލެއް އޮތް ބަޠަލާއެއްގެގޮތުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ.