ޚަބަރު

މީރާއާއި ކައިވެނިކުރާ ވާހަކަ ޝާހިދު ކަރީނާ ކައިރި ބުނި


ބޮލީވުޑް ތަރިންގެ ލޯބީގެ ގުޅުންތައް ބައެއް ފަހަރު ކައިވެންޏާއި ހަމައަށް ދިޔަ ނަމަވެސް އަނެއްބައިފަހަރު އެ ގުޅުންތައް ވަކި ހިސާބަކުން ނިންމާލަންޖެހެއެވެ. މިގޮތަށް ނިންމާލަންޖެހުނު އެ ގުޅުމަކީ ކަރީނާ ކަޕޫރާއި ޝާހިދު ކަޕޫރުގެ ގުޅުމެވެ.

މީގެ އަހަރުތަކެއް ކުރިން ދެ ތަރިން ރައްޓެހިވެގެން އުޅެ ރުޅިވުމަށްފަހު މިހާރު ދެމީހުންވެސް އުޅެނީ އެހެން ދެ މީހުންނާއި ކައިވެނިކޮށްގެންނެވެ. ނަމަވެސް ކަރީނާއާއި ޝާހިދަކީ އަދިވެސް ގާތް ދެ ރައްޓެހިންނެވެ.

ރަހުމަތްތެރިކަމުގެ ގުޅުން އަދިވެސް އޮތްކަން އެންމެ ރަނގަޅަށް ދައްކުވައިދޭ އެއް ކަމަކީ ޝާހިދުގެ ހަޔާތުގެ ބައިވެރިޔާ މީރާ ރާޖްޕުޓްއާއި ކައިވެނިކުރަންއުޅޭ ވާހަކަ ޝާހިދު މީޑިއާއަށް އެންގުމުގެވެސްކުރިން ކަރީނާއާއި ހިއްސާކޮށްފައިވާކަމެވެ.

މީގެކުރިން މިސް މާލީނީއަށް ދިން އިންޓަވިއުއެއްގައި "ލާލް ސިންގް ޗައްޑާ" ގެ ބަތަލާ ކަރީނާ ވަނީ މިވާހަކަތައް ހިއްސާކޮށްފައެވެ. ކަރީނާ ބުނިގޮތުގައި އެ ދެމީހުންވެސް ޕާފޯމް ކުރަމުން ދިޔައީ ފެމިނާ އިވެންޓެއްގައި ކަމަށާއި އެތަނުން ދިމާވެގެން މީރާއާއި ކައިވެނިކުރާ ވާހަކަ ޝާހިދު ބުނެފައިވާކަމަށެވެ. އަދި ފިލްމީ ކެރިއަރުގައި ޝާހިދު ހޯދާ ކާމިޔާބީއާއި ދޭތެރޭ އުފާވާކަމަށްވެސް ކަރީނާ ބުންޏެވެ.

ކަރީނާ އާއި ފިރިމީހާ އަދި އެކްޓަރު ސައިފް އަލީ ޚާނުގެ ކައިވެންޏަށް ވަނީ 2 ކުދިންވެސް ލިބިފައެވެ. އެއީ ތައިމޫރު އާއި ޖެހް އެވެ. ޝާހިދުއާއި މީރާގެ ކައިވެންޏަށްވެސް ވަނީ 2 ކުދިން ލިބިފައެވެ. އެއީ މިޝާ އާއި ޒައިންއެވެ.

1990 ގެ އަހަރުތަކުގައި ބެކް ގްރައުންޑް ނެށުންތެރިއެއްގެ ގޮތުގައި ކެރިއަރ ފެށި ޝާހިދުގެ އެންމެ ފުރަތަމަ ފިލްމަކީ 2003 ވަނަ އަހަރު ދެއްކި ރޮމޭންޓިކް ކޮމެޑީ "އިޝްގް ވިޝްގް" އެވެ. މި ފިލްމުން ޝާހިދަށް ވަނީ ފިލްމެ ފެއާރ އެވޯޑްސްގެ އެންމެ މޮޅު ފިރިހެން ޑެބިއު އެވޯޑްސްވެސް ލިބިފައެވެ. އޭގެފަހުން އޭނާ ކުޅުނު އެތައް ފިލްމެއް ވަނީ ފްލޮޕް ވެފައެވެ. ޝާހިދު އަނެއްކާވެސް މަޝްހޫރުވީ 2006 ވަނަ އަހަރު ދެއްކި ސޫރާޖް ބާރުތިޔާގެ "ވިވާހް" އިންނެވެ. ޝާހިދު އެންމެ ފަހުން ފެނުނީ މިދިޔަ އޭޕްރީލް މަހު ރިލިޒްކުރި ފިލްމު "ޖާޒީ" އިންނެވެ.

މި މަހުގެ 11 ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ލާލް ސިންގް ޗައްޑާ" އިން އެންމެ ފަހުން ފެނުނު ކަރީނާ ކުރިއަށް ސޮއިކޮށްފައިހުރި ފިލްމުތަކުގެ ތެރޭގައި "ވީރޭ ދެ ވެޑިންގް 2" ، "ތަހުތު" ، "ސެލިއުޓް" އަދި "ބޮމްބޭ ސަމުރާއި" ހިމެނެއެވެ.