އިންޑިއާގެ 75ވަނަ މިނިވަންދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އެޤައުމުގެ ރައީސާ ދްރައުޕަތީ މުރްމުރްއާއި އެޤައުމުގެ ބޮޑުވަޒީރު ނަރިންދުރަ މޯދީއަށް ދުވަހުގެ ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓުވީޓެއްގައިވަނީ އިންޑިއާގެ މިނިވަންދުވަހުގެ ތަހުނިޔާ އެޤައުމުގެ ރައްޔިތުންނަށްވެސްވަނީ ފޮނުއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންޑިއާއާއި ރާއްޖެއާއި ދެމެދު އޮތީ ޒަމާންވީ އެކުވެރިކަމުގެ ބަދަހި ގުޅުމެއްކަމަށެވެ. އަދި ދިވެހިން އަބަދުވެސް އެދެނީ އިންޑިއާ މިނިވަންކަންމަތީ އެކި ދާއިރާތަކުން ތަރައްޤީ ހާސިލުވަމުންދާ ޤައުމެއްގެ ގޮތުގައި އޮތުންކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ 75ވަނަ މިނިވަންދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު އިއްޔެއަކީ ޕާކިސްތާނުގެވެސް 75 ވަނަ މިނިވަން ދުވަހެވެ. ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުވަނީ އެޤައުމުގެ ރައީސް ޑރ.އާރިފް އަލްވީއާއި ބޮޑުވަޒީރު ޝެހްބާޒް ޝަރީފްއަށް ދުވަހުގެ ތަހުނިޔާވަނީ ވިދާޅުވެފައެވެ. އަދި އެޤައުމު މިނިވަންކަމާއި ފާގަތިކަމުގައި އަބަދުމެވުމަށް އެދިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.
އިނގިރޭސިންގެ އިސްތިޢުމާރީ ބާރުން އިންޑިއާއަށް މިނިވަންކަން ލިބިގެންދިޔައީ 1947 ވަނަ އަހަރުގެ އޯގްސްޓްމަހުގައެވެ. މިނިވަންކަން ލިބިގެންދިޔުމާއެކު އިންޑިއާގެ މުސްލިމުންނާއި ހިންދޫއިން ދެބައިވެ އިންޑިއާ ޕާކިސްތާންވަނީ އުފެދިފައެވެ. މިއީ ދުނިޔޭގެ ތާރީޚުގައިވެސް އެންމެ އަވަސްއަރުވާލެވިގެން ބޯޑަރުން ވަކިކުރެވި ދެޤައުމަކަށް ރައްޔިތުން ހިޖުރަކޮށް އުފެދިގެންދިޔަ ދެޤައުމުގެ ގޮތުގައި ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވެއެވެ. ދެޤައުމަށް މިނިވަންކަން ލިބިގެންދިޔަތާ 75 އަހަރުވީނަމަވެސް އެއްޤައުމު އަނެއް ޤައުމާއި ދެމެދު އޮތް އަސްކަރީ ވާދަވެރިކަމާއި ޚިޔާލު ތަފާތުވުންތަކުން މިނިވަންކަން ދެޤައުމަށްވެސްވަނީ ކަށަވަރު ނުކުރެވިފައެވެ.