ޚަބަރު

ޒަޕޮރީޜިޔާ ޕްލާންޓަށް ހަމަލާދޭ މީހުންނަށް ޒެލެންސްކީގެ ވަރުގަދަ އިންޒާރެއް!


ޔޫކްރެއިނުގެ ދެކުނުގައިވާ ޒަޕޮރީޜިޔާ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓާ މެދު އެ ޤައުމާއި ރަޝިޔާއާ ދެމެދު ވަނީ ވަރުގަދަ، އަދި އެހާމެ ނުރައްކާތެރި ކަން ބޮޑު ކޯޅުންގަނޑެއް އުފެދިފައެވެ. ވިލާތުގައި ހުންނަ ނިއުކްލިޔަރ ހަކަތަ އުފައްދާ އެންމެ ބޮޑު ޕްލާންޓު ކަމުގައިވާ ޒަޕޮރީޜިޔާ ޕްލާންޓަށް ދާދި ފަހުން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. އަދިވެސް ހަމަލާތަކަށް ހުއްޓުމެއް އައިސްފައެއް ނެތެވެ.

އެ ތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ޒިންމާ، އެއް ޤައުމުން އަޅުވަމުން ދަނީ އަނެއް ޤައުމުގެ ސިފައިންގެ ކޮނޑުގައެވެ. ޒަޕޮރީޜިޔާ ޕްލާންޓަކީ، ރަޝިޔާއިން ފެބުރުއަރީ 24 ގައި ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށިތާ ކުރީ ކޮޅު އަތްގަދަ ކޮށްފައިވާ ތަނެކެވެ. ނަމަވެސް، އެ ޕްލާންޓު ހިންގުމުގެ މަސައްކަތާ އަދިވެސް ހަވާލުވެގެން ތިބީ ޔޫކްރެއިނުގެ މުވައްޒަފުންނެވެ.

އެ ޕްލާންޓަށް ދީފައިވާ އެކި ހަމަލާތަކުގައި އެ ތަނަށް ގެއްލުން ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެ ތަނަށް ލިބިފައިވާ ގެއްލުންތަކުގެ ތެރޭގައި ނިއުކްލިޔަރ ރޭޑިއޭޝަން ބޭރުވޭތޯ ބެލުމަށް ހަރުކޮށްފައިވާ ބައެއް ސެންސަރތައް ހަލާކުވުން ހިމެނެއެވެ. މީގެ އިތުރުން، އެ ތަނުގައި ބޭނުން ކުރާ ފެން ޕްލާންޓަކާއި އަލިފާން ނިއްވާ ސްޓޭޝަނަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އ.ދ.ގެ އިތުރުން އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައި-އޭ.އީ.އޭ)އިން ވެސް ވަނީ، އެ ތަނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ނިއުކްލިޔަރ ކާރިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު ދީފައެވެ. އަދި، އެ ތަނަށް އަމާޒުކޮށް ހަމަލާދިނުން ހުއްޓައިލުމަށް ތަކުރާރު ކޮށް ގޮވައިލާފައެވެ. ނަމަވެސް، މި ހަމަލާތަކަށް ނިމުމެއް އަންނަ ތަން އަދި ފެންނާކަށް ނެތެވެ.

ޕްލާންޓަށް ހަމަލާ ދެނީ ރަޝިޔާ ސިފައިން ކަމަށް ތުހުމަތު ކުރައްވާ، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވަނީ ރަޝިޔާ ސިފައިންނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. "ޕްލާންޓަށް ހަމަލާދޭ ރަޝިޔާ ސިފައިންނާއި، އަދި އެ ތަން އައްޑަނައެއްގެ ގޮތުގައި ބޭނުންކޮށް، އެ ތަނުގައި ފިލައި ތިބެ އަހަރުމެންގެ ރަށްތަކަށް ހަމަލާދޭ ރަޝިޔާ ސިފައިންގެ އެންމެން ދަންނާތި. އަދި ހަނދާން ކުރާތި. މިހާރު ތިއިން ކޮންމެ މީހަކީ، ޔޫކްރެއިން ސިފައިންގެ ފައުޖުތަކުގެ އަމާޒެއް،" ޒެލެންސްކީ އިންޒާރު ދެއްވިއެވެ.

ޔޫކްރެއިނުން ތުހުމަތު ކުރަނީ، ރަޝިޔާ ސިފައިން އެ ޕްލާންޓް "ނިއުކްލިޔަރ އައްޑަނަ"އެއްގެ ގޮތުގައި ބޭނުން ކުރަމުންދާ ކަމުގައެވެ. އަދި، ޖީ7ގެ ޤައުމުތަކުން ވެސް ވަނީ، އެ ޕްލާންޓު ހުރި ސަރަޙައްދުން ފައިބާ، އެ ތަން ޔޫކްރެއިނާ ހަވާލު ކުރުމަށް ރަޝިޔާ ސަރުކާރަށް ގޮވައިލާފައެވެ.

ޔޫކްރެއިނުގެ ސިފައިން ދަނީ ޚަރްސަންގައި ތިބޭ ރަޝިޔާ ސިފައިންނަށް ވެސް ވަރުގަދައަށް ހަމަލާ ދެމުންނެވެ. ޚަރްސަންގައި ތިބި ރަޝިޔާ ސިފައިންނަށް ސާމާނު ފޯރުކޮށްދޭން ބޭނުން ކުރާ ބުރިޖެއް ޔޫކްރެއިން ސިފައިން ވަނީ ބޮން އަޅައި ހަލާކު ކޮށްލާފައެވެ. ޔޫކްރެއިން ސިފައިން އިސް އޮފިޝަލެއް ކަމުގައިވާ ނަތާލިޔާ ހުމެނިއުކް ވިދާޅުވީ، އެންޓޮނިވްސްކީ ބުރިޖު ހަލާކުކޮށްލުމުގެ ސަބަބުން ޚަރްސަންގައި ތިބި ރަޝިޔާ ސިފައިންނަށް ހަތިޔާރާއި އެހެނިހެން ސާމާނު ފޯރުކޮށްދެވޭނެ މަގުތައް ބަންދުވަމުންދާ ކަމުގައެވެ.