ޚަބަރު

އިސްރާއީލުގެ ވަރުގަދަ ޙަމަލާތަކެއް ސޫރިޔާއަށް


މެޑިޓެރޭނިއަން ކަނޑުގެ އައްސޭރިފަށުގައި އޮންނަ ސޫރިޔާގެ ރަށަކަށް ޔަހޫދީ އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. އިސްރާޢީލުން ހަމަލާ ދީފައި ވަނީ ތަރްތުސް ސަރަޙައްދުގެ އަވަށެއް ކަމުގައިވާ އަބޫ އަފްސާއަށް ކަމުގައި ސޫރިޔާއިން ބުނެއެވެ.

އެ ސަރަޙައްދަކީ، ސޫރިޔާގައި ޤާއިމުވެ ތިބޭ ރަޝިޔާ ސިފައިންގެ މައި މަރުކަޒު ހުންނަ ސަރަޙައްދެވެ. އަދި، އެ ސަރަޙައްދުގައި ރަޝިޔާގެ ކަނޑުގެ ސިފައިންގެ މަނަވަރުތައް ވެސް ބަނދަރުކޮށްފައި އޮވެއެވެ. ރަޝިޔާއިން ވަނީ އެ ސަރަޙައްދުގައިވާ ހުމެއިމިއްޔާގައި އަސްކަރީ ވައިގެ ބަނދަރެއް ވެސް ޤާއިމު ކޮށްފައެވެ.

ސޫރިޔާގެ އަސްކަރިއްޔާއިން ބުނީ، ތަރްތޫސްގެ އިތުރުން ދިމިޝްޤުގެ އައްސޭރިފަށުގެ ސަރަޙައްދަކަށް ވެސް އިސްރާޢީލުން ހަމަލާ ދީފައިވާ ކަމަށެވެ. އަދި، މި ހަމަލާތަކުގައި ތިން މީހުން މަރުވެ، އިތުރު ތިން މީހަކު ޒަޚަމްވި ކަމަށް ވެސް ސޫރިޔާއިން ބުނެއެވެ.

ދިމިޝްޤުގެ އައްސޭރިފަށުގައިވާ ސަރަޙައްދަށް އިސްރާޢީލުން ދީފައިވާ ހަމަލާ އަމާޒުކޮށްފައި ވަނީ ލުބުނާނަށް ނިސްބަތްވާ ހަނގުރާމަވެރިންގެ ޖަމާޢަތެއް ކަމުގައިވާ ހިޒްބުالله ހަނގުރާމަވެރިންގެ މަރުކަޒަކަށް ކަމަށް ސޫރިޔާއިން ބުނެއެވެ. އެ ޖަމާޢަތަކީ އީރާނުން ވާގިވެރިވެދޭ ޖަމާޢަތެކެވެ. އަބޫ އަފްސާއަށް ދީފައިވާ ހަމަލާ އަމާޒު ކޮށްފައި ވަނީ އީރާނުން ޤާއިމު ކޮށްފައިވާ އަސްކަރީ މަރުކަޒަކަށް ކަމަށް ވެސް ސޫރިޔާއިން ބުނެއެވެ.

ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދަނީ ސޫރިޔާގެ ވައިގެ ސަރަޙައްދަށް ވަދެ މި ފަދަ ހަމަލާތައް އަމާޒު ކުރަމުންނެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި މި ފަދަ ސަތޭކައަށްވުރެ ގިނަ އޮޕަރޭޝަން އިސްރާޢީލުގެ އަސްކަރިއްޔާއިން ހިންގާފައި ވީ ނަމަވެސް، މިއީ ރަޝިޔާގެ ފައުޖުތައް ޤާއިމުވެ ތިބޭ ހިސާބަކަށް އިސްރާޢީލުން ބޮން އެޅި ފުރަތަމަ ފަހަރެވެ.

ހިޒްބުالله ފަދަ ޖަމާޢަތްތައް ބޭނުން ކޮށްގެން އީރާނުން ސޫރިޔާގައި ބާރާއި ނުފޫޒު ވަރުގަދަ ކުރަން މަސައްކަތް ކުރަމުންދާ ކަމުގައި އިސްރާޢީލުން ތުހުމަތު ކުރެއެވެ. ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާއި އަސްކަރިއްޔާއަށް ކާމިޔާބީ ލިބުމުގެ އަސްލަކީ، ރަޝިޔާއާއި އީރާނުން ފޯރުކޮށްދީފައިވާ އަސްކަރީ އެހީތެރިކަމެވެ.

އިސްރާޢީލުގެ މި ފަދަ ހަމަލާތަކާ ގުޅިގެން އެ ޤައުމާއި ރަޝިޔާއާ ދެމެދު ވަނީ ނުތަނަވަސް ކަން އިތުރުވެފައެވެ. އަދި، ރަޝިޔާއިން ޔޫކްރެއިންގައި ހިންގަމުންދާ ހަނގުރާމައަށް އިސްރާޢީލުން ފާޑު ކިޔުމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް ވަނީ ހީނަރުކަން އައިސްފައެވެ. މޭ މަހުގެ ތެރޭގައި ރަޝިޔާއިން ވަނީ ސޫރިޔާގެ ވައިގެ ސަރަޙައްދަށް ވަދެ އުޅުނު އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކަކަށް ހަމަލާ ދީފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް ބޯޓަކަށް މިސައިލް ހަމަލާއެއް އަރާފައެއް ނުވެއެވެ.

ޖޫން މަހުގެ ތެރޭގައި އިސްރާޢީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ވަނީ ދިމިޝްޤުގެ މައި ވައިގެ ބަނދަރަށް ވެސް ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި އެ ތަނުގެ ރަންވޭއަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބި، ވައިގެ ދަތުރުފަތުރު މެދުކަނޑައިލަން ޖެހުނެވެ. އިސްރާޢީލުން ބުނީ، އެ ވައިގެ ބަނދަރަކީ އީރާނުން ހަނގުރާމަވެރި ޖަމާޢަތްތަކަށް ހަތިޔާރު ފޯރުކޮށްދޭން ބޭނުން ކުރާ ވައިގެ ބަނދަރެއް ކަމުގައެވެ.