ޚަބަރު

ރަޝިޔާއާއި އުތުރު ކޮރެޔާއިން ގުޅުންބަދަހިކުރަނީ


ރަޝިޔާއާއި އުތުރު ކޮރެޔާއާ ދެމެދު އޮތް ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާ ކުރަން ނިންމާފައިވާ ކަމުގައި ޕްޔޮންގްޔެންގުން ބުނެފިއެވެ. ދެ ޤައުމުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރަން ބޭނުންވާ ކަން ހާމަކޮށްފައި ވަނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އުތުރު ކޮރެޔާގެ ރައީސް ކޮމް ޖޮންގް އުންއަށް ފޮނުއްވި ސިޓީފުޅެއްގައެވެ.

ޕުޓިން ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަކީ ދެ ޤައުމުގެ މަސްލަޙަތު ހިމާޔަތް ކުރަން މުހިންމު ކަމެއް ކަމުގައެވެ. އަދި، މި ކަމުގެ ސަބަބުން ކޮރެޔާ ސަރަޙައްދާއި އިރުއުތުރު އޭޝިޔާ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް ފަސޭހަވެގެން ދާނެ ކަމުގައެވެ.

ޕުޓިންގެ ސިޓީފުޅާ ގުޅިގެން ކިމް ވެސް ވަނީ އޭނާއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. ވިދާޅުވީ، ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ދެ ޤައުމުގެ ގުޅުން ބަދަހިވަމުން ގޮސްފައިވާ ކަމުގައެވެ. އަދި، ޖަޕާނުގެ އަތްދަށުން ކޮރެޔާއަށް މިނިވަން ކަން ލިބުނު ހިސާބުން ރަޝިޔާއަކީ އުތުރު ކޮރެޔާގެ ގާތް އެކުވެރިއެއްގެ ގޮތުގައި ދެކޭ ކަމުގައެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ބަދަހި ކުރުމަށް ޕުޓިންއާއި ކިމްވަނީ 2019 ވަނަ އަހަރު ބައްދަލު ކުރައްވައި، އެއްބަސްވުމެއް އެކުލަވައިލައްވާފައެވެ.

ދެ ބޭފުޅުންގެ ސިޓީފުޅުތަކުގައި ވެސް ދެ ޤައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ނުރައްކަލުގެ ވާހަކަ ދައްކަވާފައި އޮތެވެ. ނަމަވެސް، އެއްވެސް ބޭފުޅަކު، ނުރައްކާ ކުރިމަތި ވަނީ ކޮން ފަރާތެއްގެ ފުށުން ކަން ފާހަގަކޮށްފައެއް ނެތެވެ. ރަޝިޔާއާއި އުތުރު ކޮރެޔާއިން ވެސް ޤަބޫލު ކުރާ ގޮތުގައި، އެ ދެ ޤައުމުގެ ސަލާމަތާއި ރައްކާތެރި ކަމަށް މިހާރު އޮތް އެންމެ ބޮޑު ނުރައްކަލީ ހުޅަނގެވެ. ވަކިން ޚާއްޞަކޮށް، އެމެރިކާއާއި އެ ޤައުމަށް ވާގިވެރިވާ އެހެން ޤައުމުތަކެވެ.

އުތުރު ކޮރެޔާއިން ނިއުކްލިޔަރ ބާރަކަށް ވުމަށް ކުރަމުންދާ މަސައްކަތްތަކަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާއެވެ. އަދި، ރަޝިޔާއިން ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމައިގައި ވެސް އެ ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަހަކީ، އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަމެވެ. ރަޝިޔާއިން ޤަބޫލު ކުރާ ގޮތުގައި އެ ޤައުމުގެ އެންމެ ބޮޑު ހަތުރަކީ ވެސް އެމެރިކާއެވެ.

ޔޫކްރެއިނުގެ އިރުމަތީގެ ދެ ސަރަޙައްދެއް ރަޝިޔާ ސިފައިން ހިފާފައިވާއިރު، އެ ދެ ސަރަޙައްދުގެ މިނިވަން ކަން އެންމެ ފުރަތަމަ ބަލައިގަތް އެއް ޤައުމަކީ އުތުރު ކޮރެޔާއެވެ. އެ ކަމާ ގުޅިގެން ޔޫކްރެއިނުން ވަނީ އުތުރު ކޮރެޔާއާ ގުޅުން ކަނޑައިލާފައެވެ.