ޚަބަރު

ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު އިތުރުވެ، ދައުލަތަށް ލިބުނު އާމްދަނީ %31 އިތުރުވެއްޖެ


މިދިޔަ މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަދަދު އިތުރުވެ، އިމްޕޯޓާއި އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ %31 އިތުރުވެއްޖެއެވެ.

ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖުލައިމަހު ދައުލަތަށް އިމްޕޯޓާއި އެކްސްޕޯޓުން 241 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފައެވެ. މިއަހަރުގެ ޖުލައިމަހު މިޢަދަދުވަނީ 316 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ރާއްޖެއަށް މުދާ އެތެރެކޮށްފައިވާ މިންވަރަށް ބަލާއިރު، މިދިޔަ އަހަރުގެ ޖުލައިމަހު ރާއްޖެއަށް 2.7 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވެއެވެ. މިއަދަދު މިއަހަރު ޖުލައިމަހުވަނީ 4.3 ބިލިއަނަށް އިތުރުވެފައެވެ. މިއީ %56ގެ ކުރިއެރުމެކެވެ.

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ޗައިނާ, ސިންގަޕޫރުންނެވެ. އެގޮތުން އޮމާން އިން 797 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 698 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. މީގެއިތުރުން ޔޫ.އޭ.އީ އިން 550 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. ޗައިނާ އިން 493 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޯ އިން 343 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

އިމްޕޯޓު އިތުރުވި ނަމަވެސް ޖުލައިމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައިމަހު ރާއްޖެއިން 78 މިލއަން ރުފިޔާގެ މުދާ އެކްސްޕޯޓް ކޮށްފައިވެއެވެ. މިއީ މިދިޔައަހަރުގެ ޖުލައިމަހު ރާއްޖެއިން އެކްސްޕޯޓުކުރި އަދަދު ކަމުގައިވާ 162 މިލިއަން ރުފިޔާއާއި އަޅާ ބަލާއިރު، %52 ދަށް އަދަދެކެވެ.

މިދިޔަ މަހު ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ޖަރުމަނުވިލާތް، އިނގިރޭސިވިލާތް، މޮރިޝަސް، ބަންގްލަދޭޝް އަދި އިންޑިއާއެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ 27% އެކްސްޕޯޓުކޮށްފައިވަނީ ޖަރުމަންވިލާތަށެވެ. އަދި %23 މުދާ އިނގިރޭސިވިލާތަށް އެކްސްޕޯޓުކޮށްފައިވާއިރު، ރާއްޖެއިން އެކްސްޕޯޓުކުރި މުދަލުގެ %16 އެކްސްޕޯޓުކޮށްފައިވަނީ މޮރިޝަސްއަށެވެ. ރާއްޖެއިން އެންމެ ގިނަ އަދަދަކަށް ބޭރުކޮށްފައިވަނީ ގަނޑުކުރި ކަނޑުމަހުގެ ބާވަތްތަކެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ރާއްޖެއަށް މުދާ ހިފައިގެން 93 އުޅަނދެއް އައިސްފައިވެއެވެ. އަދި 99 އުޅަނދެއް ފުރާފައިވެއެވެ.