ވިޔަފާރި

ޒާތީ މައުލޫމާތު ނުދީ، ކޯޑު ހިއްސާނުކުރޭ: ބީއެމްއެލް


އެކި ނަންނަމުގައި އޮޅުވާލައިގެން ފައިސާ ހޯދުން އިތުރުވަމުންދާތީ މިފަދަ ފަރާތްތަކާމެދު އިތުރަށް ސަމާލުވުމަށް ބޭންކް އޮފް މޯލްޑިވްސް އިން އިލްތިމާސްކޮށްފިއެވެ. އެކި ގޮތްގޮތަށް ކަސްޓަމަރުންނަށް އޮޅުވާލައިގެން މައުލޫމާތު ހޯދައި އެ މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް ހިންގަމުންދާ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ ކަސްޓަމަރުންނަށް އޮޅުވާލައިގެން ފޯނުން ގުޅައިގެންނާއީ އީމެއިލް މެދުވެރިކޮށް ލިންކު ފޮނުވައިގެން އިންޓަރނެޓް ބޭންކިންގ ޔޫސަރނޭމް އާއި ޕާސްވޯޑް އަދި އީމެއިލް އައިޑީވެސް ހޯދާކަމަށެވެ. އަދި ފޯނަށް އަންނަ ޓޫފެކްޓަރ އޯތެންޓިކޭޝަން ކޯޑާއި އޯޓީޕީވެސް ހޯދާކަމަށެވެ.

އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާގެ މުޢާމަލާތްތައް ކުރުމަށް އީމެއިލް ބޭނުންކުރެވެއެވެ. މި މައުލޫމާތު ބޭނުންކޮށްގެން އެކައުންޓުން ފައިސާގެ މުއާމަލާތްތައް ކުރުމުގެ ފުރުސަތު އެ ފަރާތްތަކަށް ލިބިގެންދޭ. އެހެންކަމުން މިފަދަ އެއްވެސް ޒާތީ މައުލޫމާތެއް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ބީއެމްއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.

ފްލެޓެއް ލިބުނުކަމަށް ބުނެ އޮޅުވާލައިގެން ފޯނު ކުރޭ

މިހާރަކަށް އައިސް ފްލެޓް ނުވަތަ ރޯހައުސް އެއް ލިބިފައިވާ ކަމަށް ބުނެ އެކި އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅަމުންދާ މައްސަލަތައް ހުށަހެޅޭކަމަށް ބީއެމްއެލްއިން ބުނެއެވެ. މިފަދަ މައްސަލަތަކަށް ބަލާއިރު ފާހަނގަވެފައިވަނީ އީމެއިލްއަށް ވަނުމަށް ބޭނުންކުރާ ކޯޑުތައް ހިއްސާކޮށްފައި ހުންނަކަންކަން ބީއެމްއެލްއިން ބުނެއެވެ. އަދި ބައެއް ފަހަރު އެ ފަރާތްތަކުން އެދޭ ގޮތަށް ފައިސާގެ މުއާމަލާތްވެސް ކޮށްފައި ހުންނަކަން ފާހަގަކުރެވޭކަން ބީއެމްއެލްއިން ފާހަގަކުރެއެވެ. ބީއެމްއެލްއިން ބުނީ އެ ފަރާތްތަކުން އެދޭ ގޮތަށް ފައިސާގެ އެއްވެސް މުއާމަލާތެއް އަދި ޒާތީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

ސަމާލުކަންދޭންވީ އެއްވެސް މައުލޫމާތެއް ނުދިނުމަށް

އެކި ނަން ނަމުގައި ގުޅައިގެން ކަސްޓަމަރުގެ ޒާތީ މަޢުލޫމާތު ހޯދަން ގުޅާ ފަރާތްތަކުން އެދޭ އެއްވެސް މައުލޫމާތެއް ނުދިނުމަކީ ކަސްޓަމަރުންނަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަމަށް ބީއެމްއެލްއިން ބުނެއެވެ. މިފަދަ ފަރާތްތަކުން ވާހަކަދައްކަނީ ވަރަށްވެސް ގަބޫލުކުރެވޭ ފަދަ ގޮތަކަށް ވީނަމަވެސް އިންޓަރނެޓް ބޭންކިންގ އަށް ވަނުމަށް ބޭނުންކުރާ މައުލުމާތުތަކާއި، އައިޑީކާޑު ނަންބަރު، އޯޓީޕީ، އީމެއިލްގެ އިތުރުން އެއްވެސް ކޯޑެއް ހޯދުމަށް އިދާރާއަކުން ނުގުޅާނެކަން ހަނދާނުގައި ބެހެއްޓުން ވަރަށް މުހިންމުކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.

ކަސްޓަމަރުގެ އީމެއިލް އަކީ އިންޓަރނެޓް ބޭންކިންގ އާއި އަމިއްލަ އެކި ބޭނުންތަކުގައި ބޭނުންކުރާ ވަސީލަތަކަށް ވީހިނދު، ސެކިއުރިޓީ ގޮތުން ވަރުގަދަކުރުމާއި ފޯނަށް އަންނަ އެއްވެސް ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަކީވެސް ރައްކާތެރިކަން ހޯދޭނެ ގޮތްތަކެއްކަމަށް ބީއެމްއެލްއިން ބުނެއެވެ. މީގެ އިތުރުން ސައްހަކަން ކަށަވަރު ނުކުރެވޭ ފަރާތްތަކާއެކު ފައިސާގެ މުއާމަލާތްކުރުމުގައި އިތުރަށް ސަމާލުވެ، ވީހާވެސް ރައްކާތެރިކަމާއެކު ފައިސާގެ މުއާމަލާތްތައް ހިންގުމަށް ބީއެމްއެލް އިން ވަނީ އިލްތިމާސްކޮށްފައެވެ.