ޚަބަރު

ހަ އަހަރަށްފަހު ކުވެއިތުން އީރާނަށް ސަފީރަކު ޢައްޔަންކޮށްފި


ހަ އަހަރުގެ މެދުކެނޑުމަކަށްފަހު ކުވެއިތުން އީރާނަށް ސަފީރަކު ޢައްޔަންކޮށްފިއެވެ. ކުވެއިތުން އީރާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަޤާމަށް ޢައްޔަންކޮށްފައި ވަނީ ބާދަރު ޢަބްދުالله އަލްމުނައިޚެވެ. އޭނާގެ ސަފީރު ކަމުގެ ފަތްކޮޅު، އީރާނުގެ ޚާރިޖީ ވަޒީރު ޙުސައިން އާމިރުޢަބްދުاللهހިއަންގެ އަތްޕުޅަށް އަރުވާފައިވާ ކަމަށް އީރާނުގެ ޚާރިޖީ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި، ކުވެއިތުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ މި ކަން އިޢުލާނު ކޮށްފައެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުންތައް ރަނގަޅުވެ، އީރާނުން މީގެ ކުރިން ވަނީ ކުވެއިތަށް ސަފީރަކު ކަނޑައަޅައި، އެ ޤައުމަށް ފޮނުވާފައެވެ. ކުވެއިތާއި އީރާނާ ދެމެދު އޮތް ގުޅުން ބަދަހިކުރަން ފަށާފައި މި ވަނީ، އީރާނާ އެކު ގޮތް ގުޅުން ރަނގަޅު ކުރަން ސަޢޫދީ ޢަރަބިއްޔާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު އުފެދިފައިވާ ޒަމާންވީ ހަތުރުވެރި ކަމުގެ އަސަރު، އެ ސަރަޙައްދުގެ އެހެން ޤައުމުތަކުން ވެސް ދަނީ ފެންނަމުންނެވެ.

ސަޢޫދީ ޢަރަބިއްޔާއިން އެންމެ ފަހުން އީރާނާ އެކު އޮތް ގުޅުން ކަނޑައިލާފައި ވަނީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. ގުޅުން ކަނޑައިލާފައި ވަނީ، ސަޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް އީރާނުގެ ވެރިރަށް ތެހެރާނުގައި މުޒާހަރާ ކުރަމުންދިޔަ ބަޔަކު ސަޢޫދީ ޢަރަބިއްޔާގެ އެމްބަސީގެ ތެރެއަށް ވަނުމާ ގުޅިގެންނެވެ. އެ މުޒާހަރާތައް ފެށުނީ، ޝީޢީންގެ ދީނީ ޢިލްމުވެރިއަކަށް ސަޢޫދީ ޢަރަބިއްޔާއިން މަރުގެ އަދަބު ތަންފީޒު ކުރުމާ ގުޅިގެންނެވެ.

ސަޢޫދީ ޢަރަބިއްޔާއިން އީރާނާ އެކު ގޮތް ގުޅުންތައް ކަނޑައިލުމުން، އެ ސަރަޙައްދުގެ ގިނަ ޤައުމުތަކެއް ސަޢުދީންނާ އެއްބައިވެ، އީރާނާ ގުޅުން ކަނޑައިލިއެވެ. އަދި، ކުވެއިތުން ވަނީ، އީރާނަށް ކަނޑައަޅާފައި ހުންނަވާ އެ ޤައުމުގެ ސަފީރު އަނބުރާ ޤައުމެއް ގެންގޮސްފައެވެ. ނަމަވެސް، އީރާނާ އެކު އޮތް ގުޅުންތައް ބަދަހި ކުރަން އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޔޫ.އޭ.އީން ވެސް ދަނީ އީރާނާ އެކު ގުޅުން ބަދަހި ކުރަން މަސައްކަތް ކުރަމުންނެވެ. އަދި، އެ ޤައުމަށް ސަފީރަކު ފޮނުވުމަށް އެ ޤައުމުން ދަނީ ތައްޔާރު ވަމުންނެވެ. އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު، ސަޢޫދީ ޢަރަބިއްޔާއިން އީރާނާ އެކު ސީދާ މަޝްވަރާތައް ފަށާފައި ވަނީ 2021 ވަނަ އަހަރުގެ ތެރޭގައެވެ. އިރާޤުން މެދުވެރިއެއްގެ ރޯލު އަދާކޮށްގެން ސަޢޫދީ ޢަރަބިއްޔާއާއި އީރާނާ ދެމެދު މިހާތަނަށް ފަސް ފަހަރު މަޝްވަރާ ބައްދަލުވުންތައް ވަނީ ބާއްވާފައެވެ.