ކުޅިވަރު

ޕެނަލްޓީގައި ކުޑަ ހެންވޭރު ބަލިކޮށް ޓީނޭޖް ފައިނަލަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކުޑަ ހެންވޭރު ޔުނައިޓެޑް ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ކުލަބު ޓީނޭޖުން ހޯދައިފިއެވެ.

އާދީއްތަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމުން ކުރެ ޓިމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ.

މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ކުޑަ ހެންވޭރުންނެވެ. އެގޮތުން އެ ޓީމުގެ ފޯވާޑް ލައިނުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ކުލަބު ޓީނޭޖުގެ ބިދޭސީ ގޯލްކީޕަރު މުޙައްމަދު ހަސަން އަބްދެލްހާމިދު ވަނީ މި މެޗުގައި ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި ޓީނޭޖް ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. ޕެނަލްޓީ ޝޫޓްއައުޓުގައި ކުޑަ ހެންވޭރުުން ޖެހި ޕެނަލްޓީތަކުގެ ތެރެއިން އެ ޓީމުގެ މުޙައްމަދު ތިލްމީޒް ފޮނުވާލި ޕެނަލްޓީ ޓީނޭޖުގެ ގޯލްކީޕަރު މަތަކުރިއިރު، އެ ޓީމުގެ ސާދު އަލީ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ. އެކަމަކު ޓީނޭޖުން ވަނީ ފޮނުވާލި ހަތަރު ޕެނަލްޓީވެސް ކާމިޔާބުކޮށްފައެވެ.

މި މޮޅާއެކު ޓީނޭޖަށް ވަނީ އަންނަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުން ޖާގަ ހޯދަން ކުޅެން ޖެހޭ ކޮލިފިކޭޝަން ބުރުންވެސް ފުރުސަތު ލިބިފައެވެ. މި ފަހަރުގެ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ޓިނޭޖާއި ބުރު ސްޕޯޓްސް ކުލަބު ބައްދަލުކުރާއިރު، އެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ހަވީރެވެ.