ދުނިޔެ

ޒިކާ ވައިރަސް ފަތުރާ މަދިރި ނައްތާލަން ބްރެޒިލުން ކުރާ މަސައްކަތް


ޒިކާ ވައިރަސް ފަތުރާ މަދިރި ނައްތާލުމަށް ކުރާ ހަނގުރާމައިގާ ބްރެޒީލްއަށް ލިބިފައިވާ ހުރިހާ ވަސީލަތްތަކެއްގެ ބޭނުންކުރައްވާނެ ކަމަށް އެޤައުމުގެ ރައީސާ ޑިލްމާ ރޮސޭފް ވިދާޅުވެއްޖެއެވެ.ބްރެޒީލްގެ ޤާނޫނު ހަދާ މަޖިލީހުގެ ދެ ގެ ހިމެނޭ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ދިލްމާ ވިދާޅުވީ، ޒިކާ ވައިރަސް ފަތުރާ މަދިރި ނައްތާލުމަށް ކުރާ ހަނގުރާމައިގައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކުގެ އިތުރުން ޤާނޫނު ހަދާ މަޖިލީހުގެ ދެގޭގެ އެއްބާރުލުންވެސް ލިބޭނެ ކަމަށެވެ. ބްރެޒީލް އާއި ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކުގައި އަލަށް އުފަންވާ ތުއްތު ކުދިންގެ ބޮލާއި ސިކުނޑިއަށްޖެހޭ މައިކްރޯސެފަލީ ބައްޔަކީ ޒިކާ ވައިރަސްއާއި ގުޅުންހުރި ބައްޔެއް ކަމަށްވަނީ ބެލެވިފައެވެ.ޑިލްމާ ވިދާޅުވީ، ޒިކާ ވައިރަސް އާއި ދެކޮޅަށް ބޭނުންކުރާނެ ވެކްސިނެއް އީޖާދުކުރުމަކީވެސް އެބައްޔާއި ދެކޮޅަށް ކުރާ ހަނގުރާމައިގެ ބައެއް ކަމަށެވެ. މިކަމުގައި އެމެރިކާގެ ބައިވެރިވުންވެސް ލިބޭނެކަމަށް ޑިލްމާ ވިދާޅުވިއެވެ.