ޚަބަރު

ޝިއާއުގެ ޖަނާޒާ ބާއްވާނީ އުފަން ރަށް ފުވައްމުލަކުގައި


މިމަހުގެ 6 ވަނަ ދުވަހުގެރޭ އަނިޔާވެރިގޮތަކަށް މަރާލި ޝިއާއު މުހައްމަދު ސައީދުގެ ޖަނާޒާ މިރޭ އޭނާގެ އުފަން ރަށް ފުވައްމުލަކުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

22 އަހަރުގެ ޝިއާއު މުޙައްމަދު ސަޢީދު ރަޙުމު ކުޑަގޮތަކަށް މަރާލާފައިވަނީ މިމަހުގެ 6 ވަނަ ދުވަހުގެ ރޭ ހެންވޭރު ޝީރީންވިލާގައެވެ.

ޝިއާއުގެ މަރު ތަޙުގީޤުކުރުމަށް ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި ޕޯސްޓްމޯޓަމަށްފަހު ހަށިގަނޑު ރާއްޖެ ގެނައީ އިއްޔެގެ ވަގުތެއްގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިއާއުގެ ޖަނާޒާގެ ކަންކަން ކުރިއަށްގެންދަނީ އޭނާގެ އުފަން ރަށް ފުވައްމުލަކުގައެވެ. އަދި ކަށުނަމާދު އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހު، ފުވައްމުލައް މަސްޖިދު އިނާރާގައެވެ.

ޝިއާއުގެ ޕޯސްމޯޓަމް ރިޕޯޓާ ގުޅޭ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އަތި އޭނާގެ މަރާއި ގުޅިގެން ފުލުހުން ކުރިއަށްގެންދާ ތަޙުގީގުގެ ތަފްސީލްވެސް ޙިއްސާކޮށްފައެއް ނުވެއެވެ.

މިއީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިނގި އެންމެ ރަހުމުކުޑަ ގަތުލުކަމަށް ގިނަ ބަޔަކު ދެކެއެވެ. މަރާލުމަށްފަހު ހަށިގަނޑަށްވެސް ބޮޑެތި އަނިޔާތަކެއް ދީފައިވާކަމަށް މަންޒަރު ފެނުނު ފަރާތްތަކުން ބުނެއެވެ.

މި މައްސަލައިގައި ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ފ. ނިލަންދޫ، ފިނިފެންމާގޭ އުމުރުން 23 އަލީ ޝާހިލްއެވެ. އޭނާ ވަނީ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. ފުލުހުން ވިދާޅުވީ މި މައްސަަލައިގައި އިތުރު މީހަކު ޝާމިލްވާކަމަށް ތަހުޤީގަށް ފެނިފައި ނުވާކަމަށެވެ.