ޚަބަރު

ޖުލައިމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު 35 އިންސައްތަ އިތުރު


މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 53 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް މުދަލުގެ ޒަކާތުގެ ގޮތުގައި ލިބުނު 39 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 35 އިންސައްތަ އިތުރު އަދަދެކެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން އާއްމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ޖުލައިމަހު މުދަލުގެ ޒަކާތުގެ ގޮތުގައި ދައުލަތަށް ވަނީ 4.1 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި މުދަލުގެ ޒަކާތުގެ ގޮތުގައި ލިބިފައިވާ 2.8 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 45.8 އިންސައްތަ އިތުރު އަދަދެކެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިއަހަރު ޖޫންމަހު މުދަލު ޒަކާތުގެ ވާޖިބުވާ ނިސާބަށް ބަދަލު ގެނެސްފައެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ޖޫންމަހުގެ 12 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 6396.25ރ ކަމަށް ކަނޑައަޅާފައެވެ. މީގެ ކުރިން މިއަހަރުގެ މަރޗުމަހު ކަނޑައަޅާފައިވާ ނިޞާބުގެ އަދަދަކީ 7241.15ރ އެވެ.

މިދިޔަ އަހަރު މުދަލު ޒަކާތުގެގޮތުގައި، ރެކޯޑު އަދަދެއްވަނީ ލިބިފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި 90 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2020ވަނަ އަހަރު މުދަލު ޒަކާތުގެގޮތުގައި ދައުލަތަށް ލިބުނު 60 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 48 އިންސައްތަ އިތުރު އަދަދެކެވެ.

ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާ ގުޅިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަށް ބަދަލު ގެންނަމުންދެއެވެ. ރާއްޖޭގައި މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބު ބަލަނީ ރިހީގެ އަގުންނެވެ. ނިޞާބު ހަމަވާ ޢަދަދަށް އަތުގައި ނުވަތަ ބޭންކްގައި ފައިސާ ހުރިނަމަ ހިޖުރީ ގޮތުން އަހަރެއް ވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރުން ވާޖިބުވާނެއެވެ.

މުދަލުގެ ޒަކާތަކީ އެމީހެއްގެ މުދަލުގައި ނިސާބު ހަމަވާތާ އަހަރެއް ފުރިފައިވާ ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ ވާޖިބެކެވެ. އަހަރުގެ ކޮންމެ ދުވަސްވަރެއްގައި ވެސް މުދަލުގެ ޒަކާތް ދެއްކޭނެ އެވެ.

މުދަލު ޒަކާތް މީގެކުރިން އިސްލާމިކް މިނިސްޓްރީއަށް ދައްކަމުން އައި ނަމަވެސް، 2016 ވަނަ އަހަރުން ފެށިގެން މުދަލު ޒަކާތް ބަލައިގަންނަނީ މީރާއަށެވެ. އެގޮތުން މީރާއަށް އޮންލައިކޮށް ވެސް މުދަލު ޒަކާތް ދެއްކޭނެއެވެ. އަދި އެމީހަކު މުދަލު ޒަކާތް ދައްކަން ޖެހޭ މިންވަރުވެސް މީރާ ވެބްސައިޓު މެދުވެރިކޮށް ބެލޭނެއެވެ.

އިސްލާމިކް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި 8959 މީހުން ރަޖިސްޓްރީކޮށްފައިވެއެވެ. އަދި 1442ވަނަ އަހަރުގެ މުދަލުޒަކާތުގެ ގޮތުގައި ރަޖިސްޓްރީގައި ހިމެނޭ، 8959 މީހުނަށް ބޮލަކަށްޖެހޭ އަދަދު 3000 ރުފިޔާގެ މަގުން ޖުމްލަ 26،877،000.00 (ސައްބީސް މިލިއަން އަށްލައްކަ ހަތްދިހަ ހަތްހާސް ރުފިޔާ) ވަނީ އެފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައެވެ.