ޓެރަރިޒަމްގެ މައްސަލައަކީ އެފްރިކާގެ ގިނަ ޤައުމުތަކަށް ކުރިމަތިވެފައިވާ ވަރަށް ނުރައްކާތެރި މައްސަލައެއް ކަމަށް އިޓަލީވިލާތުން ބުނެފިއެވެ.ހުޅަނގު އެފްރިކާގެ ޤައުމެއްކަމަށްވާ ގާނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އިޓަލީވިލާތުގެ ބޮޑުވަޒީރު މަޓެއޮ ރެންޒީ ވިދާޅުވީ ޓެރަރިޒަމާ ހަނގުރާމަކުރުމުގައި އިޓަލީވިލާތުން އެފްރިކާގެ ޤައުމުތަކަށް އެހީތެރިވާނެ ކަމަށެވެ. ގާނާގެ ޕާލަމެންޓްގައި ތަޤްރީރު ކުރައްވަމުން ރެންޒީ ވިދާޅުވީ އުތުރު އެފްރިކާގެ ޤައުމެއް ކަމަށްވާ ލީބިޔާގައި ޓެރަރިސްޓް ޖަމާޢަތްތައް ފައިހަރުކުރަމުންގެންދާ ކަމަށާއި މިއީ އަވަށްޓެރި ޤައުމުތަކަށްހުރި ވަރަށް ބޮޑު ނުރައްކަލެއް ކަމަށެވެ.އިޓަލީވިލާތުގެ ބޮޑުވަޒީރު ގާނާއަށް ވަޑައިގެންނެވީ ހުޅަނގު އެފްރިކާގެ ބައެއް ޤައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގައެވެ. މިދަތުރުފުޅުގައި ގާނާގެ އިތުރުން ނައިޖީރިޔާއަށާއި ސެނެގާލަށްވެސް އޭނާ ޒިޔާރަތް ކުރައްވާގޮތަށް ވަނީ ހަމަޖެހިފައެވެ.