ޚަބަރު

އިސްލާމް ދީނަށް ފުރައްސާރަކުރާ ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް ހަމަލާދީފި


އިސްލާމް ދީނާ ދެކޮޅު އަދި ކީރިތި ރަސޫލާ ﷺ އަށް ފުރައްސާ ކުރާ ލިޔުންތެރިޔެއް ކަމުގައިވާ ސަލްމާން ރުޝްދީއަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. އުމުރުން 75 އަހަރުގެ ރުޝްދީއަށް ވަޅިން ހަމަލާ ދީފައި ވަނީ އެމެރިކާގެ ނިއު ޔޯކް ސްޓޭޓްގައި ބޭއްވި އިވެންޓެއްގައި ވާހަކަ ދައްކަން ހުއްޓައެވެ. އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައިވެއެވެ.

އެތައް ގަޑިއިރެއްގެ އޮޕަރޭޝަނަކަށް ފަހު، ރުޝްދީ މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށާއި، އޭނާއަށް ވާހަކަވެސް ނުދެއްކޭ ކަމުގައި ޑޮކްޓަރުން ބުނެއެވެ. އަދި، އޭނާގެ އެއް ލޮލުގެ ފެނުމުން މަހުރޫމުވެދާނެ ކަމަށާއި، ހަށިގަނޑުގެ ނާރުތަކުގެ އިތުރުން އޭނާގެ މެޔަށް ވަރަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމުގައި އޭނާގެ އެޖެންޓު ބުންޏެވެ.

ސަލްމާން ރުޝްދީ އުފަންވެފައި ވަނީ އިންޑިޔާގެ ބޮމްބޭ (މިހާރުގެ މުމްބާއީ)ގައި ދިރިއުޅޭ މުސްލިމް ޢާއިލާއަކަށެވެ. ނަމަވެސް، އިސްލާމް ދީނާއި ކީރިތި ރަސޫލާ ﷺ އަށް ފުރައްސާރަކޮށް، "ދަ ސޭޓެނިކް ވަރސަސް"ގެ ނަމުގައި އޭނާ ލިޔުނު ފޮތަކާ ގުޅިގެން މުސްލިމުންގެ ނުރުހުމާއި އިންޒާރުތައް އަމާޒުވުމުން އޭނާ ވަނީ އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލު ކޮށްފައެވެ. 1988 ވަނަ އަހަރު ޝާއިޢު ކުރި ފޮތަކީ މުސްލިމުންގެ އާބާދީތައް އޮންނަ ގިނަ ޤައުމުތަކެއްގައި މަނާ ކޮށްފައިވާ ފޮތެކެވެ.

މި ފޮތުގައި އިސްލާމް ދީނާއި ކީރިތި ރަސޫލާ ﷺ ގެ އިތުރުން މުސްލިމުންނަށް ފުރައްސާކޮށްފައި ވާތީ، އޭނާ މެރުމަށް އީރާނުގެ ކުރީގެ ލީޑަރު އާޔަތުالله ރޫޙުالله ޚާމަނާއީ ގޮވައިލެއްވިއެވެ. އަދި، އެއަށްފަހު ރުޝްދީ ދިރިއުޅެމުން ގޮސްފައި ވަނީ ފިލައިގެންނެވެ. 1998 ވަނަ އަހަރު އީރާނުން ވަނީ، އޭނާ މަރައިލުމަށް ގޮވައިލި ގޮވައިލުން އަނބުރާ ގެންގޮސްފައެވެ. ނަމަވެސް، އީރާނުގެ މިހާރު ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީ ވަނީ އެ ގޮވައިލުމަށް ތާޢީދު ކުރައްވާ ކަން ހާމަ ކުރައްވާފައެވެ. 2016 ވަނަ އަހަރު އެމެރިކާގެ ރައްޔިތަކަށް ވީ ފަހުން އޭނާ ދިރިއުޅެމުން ގޮސްފައި ވަނީ ނިއު ޔޯކްގައެވެ.