ޔުއެފާއިން ހޮވާ އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް ހާމަކޮށްފިއެވެ.
މިމަގާމް ލިބޭ ކުޅުންތެރިޔާގެ ނަން އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
މިދިޔަ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ ޔުއެފާ ޗެމްޕިއަންސް ލީގުގެ އިތުރުން ސްޕެނިޝް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑްގެ ފޯވަޑް ކަރީމް ބެންޒީމާ އާއި އެޓީމްގެ ކީޕަރ ޓީބައު ކޯޓުއާ އަދި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީގެ ކެވިން ޑި ބްރުއިނަރއެވެ.
ބެންޒީމާވަނީ އެންމެ ފަހުން ބޭއްވި ޗެމްޕިއަން ލީގުގެ ޕްލެޔާ އޮފް ދި ސީޒަންގެ މަގާމްވެސް ހޯދާފައެވެ. އަދި ކޯޓުއަރ ވަނީ އެމުބާރާތުގެ ފައިނަލްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފައެވެ. އަދި ޑި ބްރުއިނަރވަނީ ޕްރިމިއަރ ލީގުގެ ޕްލެޔަރ އޮފް ދި ސީޒަންގެ މަގާމް ހާސިލްކޮށްފައެވެ.
އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ވާދަކުރާ ތިން ކުޅުންތެރިން ޔުއޭފާއިން ހޮވާފައިމިވަނީ ޝޯޓް ލިސްޓް ކުރެވުނު 15 ކުޅުންތެރިންގެ ތެރެއިންނެވެ. މި15 ކުުންތެރިންގެ ތެރޭގައި ޕެރިސް ސެއިންޓް ޖަރމެއިންގެ ކިލިއަން އެމްބާޕޭ އާއި ރޯމާގެ ލޮރެންޒޯ ޕެލެގްރީނީ، ބަޔޭން މިޔުނިކްގެ ސާޑިއޯ މާނޭ، ލިވަޕޫލްގެ ވަރޖިލް ވެންޑައިކް، މުހަންމަދު ސަލާހް އަދި ޓްރެންޓް އެލެގްޒެންޑަރ އާނޯލްޑް އާއި ފަބީނިއޯ ހިމެނުނެވެ.
އަހަރުގެ އެންމެ މޮޅު ކޯޗްގެ މަގާމަށް ވާދަކުރަނީ ރެއާލްގެ ކާލޯ އެންޗޮލޯޓީ އާއި ސިޓީގެ ޕެޕް ގާޑިއޯލާ އަދި ލިވަޕޫލްގެ ޔަރގަން ކްލޮޕްއެވެ. މިމަގާމްތަކަށް ހޮވޭ ކުޅުންތެރިން އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖްގެ ގުރުއަތުލުން ބޭއްވުމަށް ތުރުކީވިލާތުގެ އިސްތަންބޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ގުރުއަތުލުމުގެ ރަސްމިއްޔާތުގައެވެ.