ޚަބަރު

ގޮދަންފުށް ފެކްޓަރީގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ނިންމާލެވޭނެ: އަމްރު


އެސްޓީއޯގެ ގޮދަންފުށް ފެކްޓަރީ ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ފަހުކޮޅަށް ނިންމާލެވޭނެ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯއިން ގޮދަންފުށް ފެކްޓަރީއެއް އެޅުމަށް ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުތެރޭގައެވެ. އެސްޓީއޯގެ ގޮދަންފުށް ފެކްޓަރީ އެޅުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީގައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން އަމްރު ވިދާޅުވީ މި މަސައްކަތް ކުރަން ހަމަޖެހިފައިވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ޤާއިމުކުރާ ކާރުޚާނާގައި ތައްޔާރުކޮށް ބަންދުކުރާ ގޮތަށް ކަމަށެވެ. ގޮދަން ފުށް ފެކްޓަރީ ތަރައްޤީކުރުމުގެ އަމަލީ މަސައްކަތްތައް ފެށުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށްވެސް އަމްރު ވިދާޅުވިއެވެ.

" މީގެތެރޭގައި 2 ކަމެއް އޮތީ، އެއް ކަމަކީ ފުށް ފެކްޓަރީގެ އިމާރާތް އެޅުން، ދެވަނަ ކަމަކީ އެތަނަށް ބޭނުންވާ މެޝިނަރީއާއި ސާމާނު ގެނައުން، އަޅުގަނޑުމެންނަށް ފުރަތަމަވެސް އިމާރާތްކުރުމުގެ މަސައްކަތް ފެށިގެންދާނެ ދެން އިތުރަށް ޑީޓެއިލްކޮށް ކުރެހުންތައްވެސް ކުރެހިގެންދާނެ،" އަމްރު ވިދާޅުވއެވެ.

އަމްރު ވިދާޅުވީ މި ފެކްޓަރީއާއި އެކު، ކާޑު ސަބްސިޑީއަށް ސަރުކާރުން ކުރާ ޚަރަދު ކުޑަކުރެވި، ތާޒާކޮށް ފުށް ލިބޭނެ މަގު ތަނަވަސްވެގެންދާނެ ކަމަށެވެ.

" ދައުލަތުގެ ބަޖެޓުގައި ފުށް ސަބްސިޑީއަށް ބޮޑު ޚަރަދެއް ކުރޭ، އެބައި ކުޑަވެގެން ދިޔުމުން އެ ފައިސާ ސަރުކާރުން އެހެން ކަންތައްތަކަށް ބޭނުންކުރެވޭނެ، އަނެއް ކަމަކީ ފުށުގެ ރައްކާތެރިކަމުގެ ޔަޤީންކަން ލިބިގެންދޭ، ތާޒާ ފުށް، ތަފާތު ވައްތަރުގެ ފުށް ލިބިގެންދޭ،" އަމްރު ވިދާޅުވިއެވެ.

މިފެކްޓަރީގެ ސަބަބުން ކާޑު އެތެރެކުރުމަށް ކުރަން ޖެހޭ ޚަރަދަށް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ. އަދި މީގެއިތުރުން ފުށް ރައްކާކޮށްފައި ބެހެއްޓޭ މުއްދަތުވެސް އިތުރުވެގެން ދާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ.

ރާއްޖެއިން ބޭރުން ޕްރޮސެސްކޮށްގެން މިހާރު ގެންނަ ފުށަކީ ގުދަންކޮށްފައި މާ ގިނަ ދުވަހު ބެހެއްޓޭނެ ފުށެއް ނޫންކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. އަދި އެތަކެތި ބެހެއްޓުމަށްޓަކާއި ގުދަންކުރަން ބޮޑެތި ޖާގަ ބޭނުންވާކަން އެކުންފުނިން ފާހަގަކުރެއެވެ. އެހެންކަމުން މިފަދަ ކާރުޚާނާއެއް ރާއްޖޭގައި ޤާއިމުވެގެންދިއުމުގެ ސަބަބުން އެކި ބޭނުންތަކަށް ޚާއްސަ ފުށް ތާޒާކަމާއެކު އުފެއްދޭނެކަމަށާއި، އެތަކެތި ރައްކާކޮށްފައި ބެހެއްޓޭނެ މުއްދަތު އިތުރުވެގެންދާނެކަމަށްވެސް އެސްޓީއޯއިން ވިދާޅުވެއެވެ.