ކުޅިވަރު

ހަ ދުވަސް ތެރޭ ރިލޭ ޓީމުން ދެވަނަ ފަހަރަށް ގައުމީ ރިކޯޑު މުގުރާލައިފި


އިނގިރޭސިވިލާތުގެ ބާމިންހަމުގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި އަންހެން ގައުމީ ރިލޭ ޓީމުން ހެދި ހަތަރެއް ގުނަ 100 މީޓަރުގެ ރިކޯޑު، ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އަލުން މުގުރާލައިފިއެވެ.

ހުކުރު ދުވަހު ކުރިއަށްދިޔަ ސޮލިޑާރިޓީ ގޭމްސްގެ ހަތަރެއް ގުނަ 100 މީޓަރު ފައިނަލުގައި ގައުމީ އަންހެން ރިލޭ ޓީމުގެ ޓައިމިން އަކީ 48.21 ސިކުންތެވެ. މީގެ ހަ ދުވަސް ކުރިން ކޮމަންވެލްތު ގޭމްސްގެ ހަތަރެއް ގުނަ 100 މީޓަރު ދުވުން އަންހެން ރިލޭ ޓީމުން ނިންމީ 49.19 ސިކުންތުންނެވެ.

ގައުމީ ރިކޯޑު ދެ ފަހަރެއްގެ މަތިން މުގުރާލި އަންހެން ރިލޭ ޓީމުގައި ހިމެނެނީ ރާއްޖޭގެ އަންހެން އެންމެ ބާރު ދުވުންތެރިޔާ އައިޝަތު ހިމްނާ ހަސަނާއި، މަރިޔަމް އަލްހާ ހުސައިނާއި، އާމިނަތު ލަޔާން މުޙައްމަދު އަދި ރިފާ މުޙައްމަދެވެ.

ސޮލިޑާރިޓީ ގޭމްސްގެ ހަތަރެއް ގުނަ 100 މީޓަރުގެ ފައިނަލުގައި ހަ ގައުމު ދުވަން އޮތް ނަމަވެސް، އިވެންޓް ފުރިހަމަކޮށްފައިވަނީ ހަތަރު ގައުމުންނެވެ. އިވެންޓް ފުރިހަމަ ނުކުރެވުނީ އުޒްބެކިސްތާނާއި މޮރޮކޯއަށެވެ.

މި ފަހަރުގެ ކޮމަންވެލްތު ގޭމްސް އާއި އިސްލާމިކް ސޮލިޑާރީޓީ ގޭމްސްގައި ރާއްޖޭން ވަނީ ހަތަރެއް ގުނަ 100 މީޓަރުގެ ރިކޯޑުގެ އިތުރުން 100 މީޓަރާއި 200 މީޓަރުގެ އަންހެނުންގެ ދުވުމުގެ ރިކޯޑު ލޯންގް ޖަމްޕްގެ ގައުމީ ރިކޯޑުވެސް މުގުރާލާފައެވެ.