ޚަބަރު

ދިރާގުގެ ސަބްމެރިން ކޭބަލް ސިސްޓަމްގެ ލޭންޑިން ސްޓޭޝަން ހުލުމާލޭގައި ގާއިމްކުރަނީ


ދުނިޔޭގެ ސުޕަ ހައިވޭ ސީ-މީ-ވީ-6 ސަބްމެރިން ކޭބަލް ސިސްޓަމާއި ދިވެހިރާއްޖެ ގުޅާލުމަށް ބޭނުންވާ ލޭންޑިން ސްޓޭޝަން ހުޅުމާލޭގައި ޤާއިމްކުރުމުގެ މަސައްކަތް ދިރާގުން ފަށައިފިއެވެ.

މިއަހަރުގެ ކުރީކޮޅު ދިރާގުން ދުނިޔޭގެ ވަރުގަދަ މުޢާސަލާތީ އަދި ޓެކްނޮލޮޖީ، 13 ކުންފުންޏެއް ހިމެނޭ ކޮންސޯޓިއަމްއާއި ގުޅި، ރާއްޖެ ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމާ ގުޅާލުމަށް އެއްބަސްވުމެއްގައި ސޮއިކޮށް އެމަސައްކަތް ޢަމަލީގޮތުން ވަނީ ފަށާފައެވެ. ދިރާގުން ބުނީ މި ކޭބަލް ސިސްޓަމްގެ ސަބަބުން ދެކުނު އޭޝީއާ އާއި ޔޫރަޕްގެ އިންޓަނެޓް އެކްސްޖޭންޖުތަކަށް ދިރާގުގެ ނެޓްވަރކް ސީދާ ގުޅާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މަޝްރޫއުގެ ދަށުން ދިރާގުން ދަނީ ރާއްޖޭގެ ކޭބަލް ބްރާންޗު ހުޅުމާލޭގައި ލޭންޑްކުރުމަށް ބެނުންވާ ކޭބަލް ލޭންޑިން ސްޓޭޝަން ޤާއިމްކުރުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދު އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ސުހައިލް އަޙުމަދު ވަނީ މި ލޭންޑިންގ ސްޓޭޝަން ހެދުމަށް ބޭނުންވާ ބިން ހުޅުމާލެއިން ކުއްޔަށް ނެގުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

ޖުމްލަ 19،200 ކިލޯމީޓަރު ދިގު މި ސަބްމެރިން ކޭބަލްއަކީ އެންމެ ފަހުގެ ކަނޑުއަޑީގެ ކޭބަލް ޓެކްނޮލަޖީ ބޭނުންކޮށްގެން ދެކުނު އޭޝިޔާއިން ފެށިގެން، އިންޑިޔާ، މެދުއިރުމަތި އަދި ހުޅަގު ޔޫރަޕާ ގުޅާލެވޭ މި ހައިސްޕީޑް ސަބްމެރީން ކޭބަލްސިސްޓަމްއާ ރާއްޖެ ގުޅާލުމަށް ވަނީ ހަމަޖެހިފައިވެއެވެ.

ސިންގަޕޫރުން ފެށިގެން ފްރާންސް އާއި ހަމައަށް ގުޅާލެވޭ މި ކޭބަލް ސިސްޓަމް 2025ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރއަށް ނިމޭނެކަމަށް ދިރާގުން ހާމަކުރެއެވެ.

މިއީ ދިރާގުގެ ނެޓްވޯކު ޔޫރަޕާއި މެދުއިރުމައްޗާއި ދެމެދު އަދި އިންޑިއާއިން ސިންގަޕޫރަށް ގުޅާލުމަށްޓަކައި ދިރާގުން ކުރާ ބޮޑު އިންވެސްޓްމެންޓެކެވެ. ސީ-މީ-ވީ 6 ސަބްމެރިން ކޭބަލް ސިސްޓަމްގެ މެދުވެރިކޮށް ބައިނަލްއަގުވާމީ މުހިންމު މަންޒިލްތަކަކާއި ސީދާ ގުޅުވާލެވުމުގެ ސަބަބުން، އިންޓަރނެޓްގެ ސްޕީޑް އާއި ފެންވަރު އިތުރަށް ރަނގަޅުވެ އަދި ދިރާގުން އިންޓަނެޓް ފޯރުކޮށްދިނުމަށް ކުރާ ޚަރަދުތައް ކުޑަކުރެވި އަގުތަކަށް ވެސް ހެޔޮބަދަލު ގެނައުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ދިރާގުން ދެކެވެ.

އަދި މީގެ އިތުރުން މި ކޭބަލްގެ ޒަރިއްޔާއިން 5ޖީ ފަދަ އަލަށް ތަޢާރަފުވާ ޓެކްނޮލޮޖީތަކާއި އާރޓިފިޝަލް އިންޓެލިޖެންސާއި އޭ.އާރުގެ ކުރިއެރުންތަށް ދިރާގުގެ ވިޔަފާރި އަދި ގޭމާރ ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށްވެސް ދިރާގުން ބުނެއެވެ.