ކުޅިވަރު

މަހިބަދޫއާ އެއްވަރުވެ ނިއު ރޭޑިއަންޓް ސެމީއަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މަހިބަދޫ ސްޕޯޓްސް ކުލަބާ އެއްވަރުވެ، ސެމީ ފައިނަލުގެ ޖާގައެއް ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން ހޯދައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 5-5 ގެ ނަތީޖާއަކުންނެވެ.

މި މެޗު ކުޅެފައިވަނީ ދެ ފަހަރެއްގެ މަތިން ފަސްކުރުމަށްފަހުއެވެ. އެންމެ ފުރަތަމަ މި މެޗު ކުޅެން އޮތީ މި މަހުގެ އެއްވަނަ ދުވަހުއެވެ. އެކަމަކު މޫސުން ގޯސްވުމުގެ ސަބަބުން މަހިބަދޫ ޓީމަށް މެޗު ކުޅެން ނާދެވިގެން އެންމެ ފުރަތަމަ މެޗު ފަސްކުރީއެވެ. ދެން ބުރާސްފަތި ދުވަހު ހަވީރު މި މެޗު ކުޅެން ހަމަޖެއްސި ނަމަވެސް، ވިއްސާރައިގެން ސަބަބުން ހަވީރު މެޗު ވަނީ ރޭގަނޑަށް ފަސްކޮށްފައެވެ.

މި މެޗު ފަށައިގެން މިނެޓެއް ނުވަނީސް ނިއުއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މިއީ މަހިބަދޫގެ މުޙައްމަދު އައިހަމް އަންވަރު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑަށްފަހު ވެސް ނިއުއިން ވަނީ މަހިބަދޫގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ނިއުއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގާނާގެ މިޑްފިލްޑަރު ތޯރިގު ޖެބްރިންއެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިއުއިން ވަނީ ތިންވަނަ ލަނޑު ވެސް ޖަހައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ގާނާގެ ފޯވާޑް ކޯފީ އޮވޫސޫއެވެ. އަދި ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ކޯފީ ވަނީ އިތުރު ލަނޑެއް ނިއުއަށް ޖަހައިދީފައެވެ.

ދެވަނަ ހާފު ފަށައިގެން މިނެޓެއް ނުވަނީން ނިއުއިން ވަނީ ފަސްވަނަ ލަނޑު ވެސް ޖަހައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އުޒްބެކިސްތާނުގެ މިޑްފިލްޑަރު ފާރޫގް ހައިދަރޯފްއެވެ. ފަސް ލަނޑުގެ ލީޑެއްގައި ނިއު އޮއްވައި ފަހު 30 މިނެޓުގެ ތެރޭގައި މަހިބަދޫން ވަނީ ފަސް ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެގޮތުން މެޗުގެ 62 ވަނަ މިނެޓުގައި މަހިބަދޫން ވަނީ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އާދަމް ފަހުމާންއެވެ.

މެޗުގެ 75 ވަނަ މިނެޓުގައި ފަހުމާން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ފަހުމާން ވަނީ އިތުރު ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ.

މެޗުގެ 82 ވަނަ މިނެޓުގައި މަހިބަދޫން ވަނީ ލިބުނު ޕެނަލްޓިއަކުން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިފައެވެ. މިއީ ނިއުގެ އޭރިއާ ތެރެއިން ފަހުމާނަށް ނިއުގެ އިބްރާހީމް ސިނާހު ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން އިބްރާހީމް ޝާތިރު ކާމިޔާބުކުރި ލަނޑެކެވެ. މަހިބަދޫން ނަތީޖާ ހަމަހަމަ ކުރީ މެޗުގެ އިތުރު ވަގުތުގައި އަލީ ޝާލިމް ކާމިޔާބުކުރި ލަނޑުންނެވެ.

ނިއު ރޭޑިއަންޓް އެއްވަރުވުމުން މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދިޔައީ ޓީނޭޖްއެވެ. އެއްވަނައިގައި އޮތް ޓީނޭޖް އާއި ދެވަނައިގައި އޮތް ނިއުއަށް އަދި ތިންވަނައިގައި އޮތް އެލްޓީއަށް 13 ޕޮއިންޓް ވަނީ ލިބިފައެވެ. އެކަމަކު ޓީނޭޖް ކުރީގައި އޮތީ ފައިދާ 15 ލަނޑުންނެވެ. ދެވަނައިގައި އޮތް ނިއުއަށް ފައިދާ 11 ލަނޑު އެބައޮތެވެ.

މި ނަތީޖާއާއެކު ސެމީ ފައިނަލުގައި ނިއުއިން ވާދަކުރަން ޖެހޭނީ ގްރޫޕް އެކެއްގެ އެއްވަނަ ޓީމުކަމަށްވާ ބުރު ސްޕޯޓްސް ކުަލަބާއެވެ.