ޚަބަރު

ޖަރުމަނުވިލާތުން ދޫނިރޯގާ ފެނި ލައްކައަކަށްވުރެ ގިނަ ކުކުޅު މަރާލަނީ


ޖަރުމަނު ވިލާތުގެ އުތުރުގެ ސަރަޙައްދަކުން ދޫނިރޯގާ ފެނި، ބަލި ޖެހިފައިވާ 110,000 އަށްވުރެ ގިނަ ކުކުޅު މަރަން ނިންމައިފިއެވެ.

ދޫނިރޯގާގެ ސްޓްރެއިންއެއް ކަމުގައިވާ އެޗް5އެން8 ޖެހިފައިވާ ކުކުޅުތަކެއް ފެނިފައި ވަނީ އެ ޤައުމުގެ އުތުރުގައިވާ ލޮވަރ ސެކްސޮނީ ސްޓޭޓްގެ ވެޝްތާ ޑިސްޓްރިކްޓުގައި ހުރި ކުކުޅު ގެންގުޅޭ ދަނޑަކުންނެވެ. ވެޝްތާއަކީ، ކުކުޅު ގެންގުޅޭ ދަނޑު ގިނަ އަދަދަކަށް ހުންނަ ރަށެކެވެ.

ވެޝްތާގެ ދަނޑަކުން ދޫނިރޯގާ ފެނުމާ ގުޅިގެން، އެ ދަނޑު ވަށައިގެން ތިން ކިލޯމީޓަރުގެ ސަރަޙައްދެއް ވަނީ ފުރަބަންދު ކޮށްފައެވެ. އަދި، 10 ކިލޯމީޓަރު ސަރަޙައްދެއްގައި ހުރި ހުރިހާ ދަނޑުތަކެއްގައި ގެންގުޅޭ ކުކުޅުތަކަށް މި ބަލި ޖެހިފައިވޭތޯ ބެލުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެ ސަރަޙައްދުގައި 352 ދަނޑު ހުރެއެވެ.

މި ބަލީގެ ހަތަރު ސްޓްރެއިންނެއް މިހާތަނަށް ހޯދިފައި ވާއިރު، މީގެ ތެރެއިން އިންސާނުންނަށް ޖެހޭ ކަމަށް ބެލެވިފައި ވަނީ އެޗް5އެން8 ސްޓްރެއިން އެކަންޏެވެ. 2021 ފެބުރުއަރީގައި މި ސްޓްރެއިންގެ ސަބަބުން ބަލި ޖެހިފައިވާ މީހުންތަކެއް ރަޝިޔާއިން ފެނިފައިވެއެވެ.

މި ބަލި އިންސާނުންގެ ހަށިގަނޑަށް ވާސިލުވާ އޮންނަނީ ތިން ގޮތެކެވެ. އެއީ، ބަލި ޖެހިފައިވާ ދޫންޏެއްގައި ބީހުމާއި، ބަލި ޖެހިފައިވާ ދޫނީގެ ނަޖިރު ޒަރީއާއިންނާއި، ބަލި ޖެހިފައިވާ ދޫންޏެއް ކަތިލުމާއި ކެއްކުމަށް ތައްޔާރު ކުރުމުގެ ތެރޭގައެވެ. މި ބަލީގެ ޢަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، މަސްތަކުގެ ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ކެއްސުން އަދި ނޭވާ ކުރުވުން ހިމެނެއެވެ. މީގެ އިތުރުން، ބޭރަށް ހިންގުމާއި، މޭގައި ރިއްސުން އަދި ނޭފަތާއި ހިރުގަނޑުން ލޭ އައުމަކީ ވެސް މި ބަލި ޖެހޭ ވަރަށް މަދު މީހުންގެ ފުށުން ފެންނަ ޢަލާމާތްތަކެކެވެ.