ޚަބަރު

ނިއު ދިއްލީގައި މާސްކުއެޅުން މަޖުބޫރުކުރަނީ


ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރެމުންދާތީ، އިންޑިޔާގެ ވެރިރަށް ނިއު ދިއްލީގައި މާސްކު އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނިއު ދިއްލީގައި މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2,146 އަށް އަރާފައެވެ. އަދި، އަށް މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ.

އިންޑިޔާގައި މި ބަލި އެންމެ ހަލުކޮށް ފެތުރެމުން ދަނީ ނިއު ދިއްލީގައެވެ. އޭޕްރިލް މަހުގެ ތެރޭގައި ވެސް މާސްކު އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި ނިއު ދިއްލީން ކަނޑައެޅިއެވެ. ނަމަވެސް، މި އަމުރަށް އަމަލު ކޮށްފައި ވަނީ މަދު އަދަދެއްގެ ބަޔެކެވެ. އަދި، އެ ކަން ތަންފީޒު ކުރެވިފައެއް ނުވެއެވެ.

އަނެއްކާ ވެސް މާސްކު އެޅުން މަޖުބޫރު ކުރާ އަމުރެއް އިންޑިޔާ ސަރުކާރުން ނެރެފައި ވާއިރު، މި އަމުރާ ޚިލާފުވާ މީހުން 6 އެމެރިކާ ޑޮލަރުން ޖޫރިމަނާ ކުރާ ގޮތަށް ވެސް ވަނީ ކަނޑައަޅާފައެވެ. ގިނަ އަދަދަކަށް މީހުން އެއްވެ އުޅޭ ވިޔަފާރިކުރާ މޯލްތަކާއި މާރުކޭޓުތަކުގައި ވެސް މާސްކު އެޅުމަކީ މިހާރު އެއްވެސް ވަރަކަށް ޢާންމު ކަމެއް ނޫނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި 16,299 މީހަކަށް ކޮވިޑް ޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ. މިއާއެކު، އެ ޤައުމުގައި މި ބަލި ޖެހުނު ޖުމުލަ މީހުންގެ އަދަދު ވަނީ 44.2 މިލިޔަނަށް އަރާފައެވެ. އަދި، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މި ބަލީގައި 53 މީހުން މަރުވެ، މި ބަލީގައި މަރުވި މީހުންގެ ޖުމުލަ ވަނީ 526,879 އަށް އަރާފައެވެ. މިއީ އިންޑިޔާއިން ރަސްމީކޮށް ހާމަކޮށްފައިވާ އަދަދުތަކެވެ.