ޚަބަރު

ޒަޕޮރީޜިޔާއަށް އިތުރު ހަމަލާތަކެއް، ނިއުކްލިޔަރ ކާރިސާއެއްގެ ބިރު ބޮޑުވަނީ


ޔޫކްރެއިނުގެ ދެކުނުގައިވާ ޒަޕޮރީޜިޔާގައި ހުންނަ ވިލާތުގެ އެންމެ ބޮޑު ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަށް އަނެއްކާ ވެސް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. ޔޫކްރެއިނާއި ރަޝިޔާއިން ދަނީ، މި ހަމަލާތަކުގެ ޒިންމާ، އިދިކޮޅު ޤައުމުގެ ކޮނޑުގައި އަޅުވަމުންނެވެ.

މި ހަމަލާތަކާ ގުޅިގެން ނިއުކްލިޔަރ ކާރިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު ކޮށްފައި ވާއިރު، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ވަނީ، އެ ސަރަޙައްދަށް ހަމަލާ ދިނުން ހުއްޓައިލުމަށް ދެ ޤައުމަށް ވެސް ގޮވައިލައްވާފައެވެ.

"ރަޝިޔާގެ ސިފައިންނާއި، ޔޫކްރެއިނަށް އަހުރެން މި ގޮވައިލަނީ އެ ޕްލާންޓް ކައިރީގައި ހިންގަމުން އަސްކަރީ ހުރިހާ ހަރަކާތްތަކެއް ހަމަ މިހާރުންމިހާރަށް ހުއްޓައިލުމަށް. އަދި، އެ ޕްލާންޓުގެ އެއްވެސް ތަނަކަށް ހަމަލާ ނުދިނުމަށް،" ގުތެރޭޝް ވިދާޅުވިއެވެ.

ނިއުކްލިޔަރ ޕްލާންޓު ހިންގާ ކުންފުނި ކަމުގައިވާ އެނަރޖޯއެޓަމްއިން ބުނީ، އޮގަސްޓު 11 ވަނަ ދުވަހު އެކަނި ވެސް އެ ޕްލާންޓު ހުންނަ ސަރަޙައްދަށް ފަސް މިސައިލް ހަމަލާ އަރާފައިވާ ކަމުގައެވެ. އަދި، މީގެ ތެރެއިން ބައެއް މިސައިލްތައް "ރޭޑިއޯއެކްޓިވް" ސާމާނު ރައްކާކޮށްފައި ހުރި ބައެއް ތަންތަނަށް ވެސް އަރާފައިވާ ކަމުގައެވެ. ނަމަވެސް، އެ ޕްލާންޓުން ރޭޑިއޭޝަން ލީކުވުމުގެ އެއްވެސް ހާދިސާއެއް އަދި މިހާތަނަށް ހިނގާފައެއް ނުވެއެވެ.

ރަޝިޔާ ސިފައިން ޒަޕޮރީޜިޔާގައި ހުންނަ ނިއުކްލިޔަރ ޕްލާންޓު ހިފާފައި ވަނީ ފެބުރިއަރީ 24 ގައި އެ ޤައުމަށް އަރައި ފެށި ހަނގުރާމައިގެ ކުރީ ކޮޅުގައެވެ. ނަމަވެސް، އެ ތަނުގައި އަދިވެސް މަސައްކަތް ކުރަމުން ދަނީ ޔޫކްރެއިނުގެ މުވައްޒަފުންނެވެ.

އެ ޕްލާންޓުގެ ރައްކާތެރި ކަން ކަށަވަރު ކުރުމަށް ޚާއްޞަ ވަފުދެއް ފޮނުވުމަށް ޔޫކްރެއިނުގެ ޚާރިޖީ ވަޒީރު ދްމިތްރޯ ކުލެބާ ވަނީ އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައި.އޭ.އީ.އޭ)އަށް ގޮވައިލައްވާފައެވެ. އެ އިދާރާއިން ވެސް ވަނީ، ޕްލާންޓަށް ދެމުންދާ ހަމަލާތަކާ މެދު ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި، ނިއުކްލިޔަރ ކާރިސާއެއް ހިނގައިފާނެ ކަމުގެ އިންޒާރު ކޮށްފައެވެ.

ޔޫކްރެއިނުން ބުނަނީ އެ ޕްލާންތަކީ އައްޑަނައެއްގެ ގޮތުގައި ރަޝިޔާ ސިފައިން ބޭނުން ކުރަމުންދާ ކަމުގައެވެ. އަދި، އެ ޕްލާންޓު ކައިރީގައި ތިބެ، ޔޫކްރެއިނުގެ ރަށްތަކަށް ހަމަލާ ދެމުންދާ ކަމުގައެވެ. އަދި، އެ ހަމަލާތަކުގެ ރައްދުގައި ޔޫކްރެއިނުން ހަމަލާދޭން ޖެހިލުންވާ ކަމުގައި ވެސް އެ ޤައުމުން ބުނެއެވެ.