ޚަބަރު

ގޮތަބަޔާ ތައިލެންޑުގައި، ހިމާޔަތް ހޯއްދަވަން މަސައްކަތްޕުޅެއް ނުކުރައްވާނެ


އިސްތިޢުފާ ދެއްވާފައިވާ ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ ތައިލެންޑަށް ވަޑައިގަންނަވައިފިއެވެ. އޭނާ ތައިލެންޑަށް ވަޑައިގަންނަވާފައި މި ވަނީ، ސިންގަޕޫރުގައި ހުންނެވުމަށް އޭނާއަށް ދީފައިވާ ޚާއްޞަ ހުއްދައިގެ މުއްދަތު އޮގަސްޓު 11 ވަނަ ދުވަހު ހަމަވުމާ ގުޅިގެންނެވެ.

ޖުލައި 14 ގައި ރާޖަޕަކްސަ ސިންގަޕޫރަށް ވަޑައިގެންނެވީ، ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ ރައްޔިތުން ތެދުވެ، މުޒާހަރާކޮށް، އޭނާގެ އިސްތިޢުފާއަށް ގޮވައިލުމާ އެކުގައެވެ. އަދި، ފިއްލަވައިގެން ސިންގަޕޫރަށް ވަޑައިގެންނެވުމަށް ފަހު، އޭނާ އިސްތިޢުފާ ދެއްވާފައި ވަނީ އެ ޤައުމުގައި ހުންނަވައިގެންނެވެ.

ރާޖަޕަކްސަ ސިންގަޕޫރު ދޫކޮށް ވަޑައިގަންނަވާފައިވާ ކަން އެ ޤައުމުގެ އިމިގްރޭޝަން އިދާރާއިން ވަނީ ކަށަވަރު ކޮށްދީފައެވެ. ސިންގަޕޫރެކޭ އެއްގޮތަށް، އޭނާ ތައިލެންޑަށް ވެސް ވަޑައިގަންނަވާފައި މި ވަނީ، އަމިއްލަ ދަތުރުފުޅެއްގައެވެ.

"މިއީ އިންސާނިއްޔަތާ ގުޅޭ މައްސަލައެއް. ތައިލެންޑުގައި އޭނާ މަޑުކުރައްވާނީ ކުޑަ ދުވަސް ކޮޅަކަށް،" މި ކަމާ ގުޅޭ ގޮތުން ތައިލެންޑުގެ ބޮޑުވަޒީރު ޕްރަޔުތް ޗަން-އޮޗާ ވިދާޅުވިއެވެ. އޭނާ ތައިލެންޑު ސަރުކާރުން ސިޔާސީ ހިމާޔަތް ހޯއްދަވަން މަސައްކަތް ނުކުރާނެ ކަމަށާއި، އެ ޤައުމުގައި ހުންނަވައިގެން އެއްވެސް ސިޔާސީ މަސައްކަތެއް ނުކުރެއްވޭނެ ކަމުގައި ވެސް ޗަން-އޮޗާ ވިދާޅުވިއެވެ.

ތައިލެންޑުގެ ޚާރިޖީ ވުޒާރާއިން ބުނީ، ރާޖަޕަކްސަ އެ ޤައުމަށް ވަޑައިގެންނެވީ ސްރީލަންކާ ސަރުކާރުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ. އަދި، އޭނާގެ ޑިޕްލޮމެޓިކް ޕާސްޕޯޓުގެ ދަށުން އޭނާއަށް 90 ދުވަހުގެ ވިސާ ހަމަޖެހޭނެ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.