ތުރުކީގެ ކޮންޏާގައި މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އިވެންޓުގެ ސެމީ ފައިނަލުގައި އީރާން އަތުން ބަލިވެ، ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ލޯ މެޑެލް ލިބިއްޖެއެވެ.
މިއީ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއަށް ލިބުނު ފުރަތަމަ މެޑެއްޔެވެ. މި މުބާރާތުގެ ސެމީން ރާއްޖޭގެ ޓީޓީ ޓީމެއް ފުރަތަމަ ފަހަރަށް ޖާގަ ހޯދިއިރު، މިއީ ފެންވަރުގެ ގޭމްސްއެއްގެ ގްރޫޕް ސްޓޭޖު ފަހަނަ އަޅައި ރާއްޖޭގެ ޓީޓީ ޓީމެއް ދިޔަ ފުރަތަމަ ފަހަރުވެސްމެއެވެ.
މި ފަހަރުގެ ސޮލިޑާރިޓީ ގޭމްސްގެ އަންހެން ޓީޓީގެ ޓީމު އިވެންޓުގައި އަށް ގައުމު ވާދަކުރިއިރު، ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ލޯ މެޑެލް ލިބުނީ ބުރާސްފަތި ދުވަހު ކުޅުނު ސެމީ ފައިނަލް މެޗުން ސީދާ ތިން ގޭމުން އީރާން އަތުން ބަލިވުމުންނެވެ.
މި މެޗުގެ ފުރަތަމަ ގޭމުގެ އަންހެން ސިންގަލްގައި ރާއްޖޭގެ އެއް ނަންބަރު ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ކުޅުނުއިރު، މި ގޭމް އިރާނުގެ އަސްތާރީ މަހުސިދަކީ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 11-04، 11-08 އަދި 11-02 އިންނެވެ.
މި މެޗުގެ ދެވަނަ ގޭމުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ކުޅުނުއިރު، ވާދަވެރި ކުޅުމަކަށްފަހު މި ގޭމުގެ އިރާނުގެ ނެދާ ޝާހްސަވާރީ ގެންދިޔައީ 3-2 ސެޓުންނެވެ. މި ގޭމުގެ ސެޓުތައް އިރާނުން ގެންދިޔައީ 11-09، 07-11 04-11، 12-10 އަދި 11-08 އިންނެވެ.
އަދި މި މެޗުގެ ފަހު ގޭމުގައި ރާއްޖޭގެ ރަފާ އާއި ފާތިމަތު ޖުމާނާ ނިމާލް ޕެއާ ކުޅެން އެރިއިރު، މި ގޭމު އިރާނުގެ ނެދާ އާއި ޝިމާ ސަފޭއިގެ ޕެއާއިން ވަނީ 3-1 ސެޓުން ކާމިޔާބުކޮށްފައެވެ. މި ގޭމުގެ ސެޓުތައް ދިޔައީ 05-11، 12-10، 04-11 އަދި 05-11 އިންނެވެ.
މި މުބާރާތުން ރާއްޖޭގެ އަންހެން ޓީމު ލޯ މެޑެލް ހޯދިއިރު، ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ރާއްޖޭން ވަނީ ކާމިޔާބުކޮށްފައެވެ. އެއީ ޖިބޫޓީ އާއި ޔޫގެންޑާއާ ދެކޮޅަށް ކުޅުނު މެޗުތަކެވެ.
މި ކާމިޔާބީއާއެކު ރާއްޖޭގެ އަންހެން ޓީޓީ ޓީމުން މި ވަނީ ތަފާތު ތިން ގޭމްސްގެ ޓީމު އިވެންޓުގައި މެޑެލް ހޯދާފައެވެ. އެގޮތުން ސޮލިޑާރިޓީ ގޭމްސްގެ އިތުރުން 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރަން މެޑެއްޔާއި، ހަމަ އެ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ހޯދި ލޯ މެޑެލް ހިމެނެއެވެ.