ޚަބަރު

މަކުނުވިދުރި ޖެހުނު މީހުންގެ އަދަދު 32,000ން މައްޗަށް


ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަކުނުވިދުރި ޖެހިފައިވާ މީހުންގެ އަދަދު 32,042 އަށް އަރައިފިއެވެ. މި ބަލި 84 ޤައުމުން މިހާރު ވަނީ ފެނިފައެވެ. މަކުނުވިދުރިއަކީ ޢާންމު ޞިއްޙަތަށް އޮތް ނުރައްކަލެއްގައި ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިޔު.އެޗް.އޯ)އިން ކަނޑައަޅާފައި ވަނީ ޖުލައި 24 ވަނަ ދުވަހުއެވެ.

މިދިޔަ އަހަރާ ހަމައަށް މި ބަލި ފެތުރެމުން ގޮސްފައި ވަނީ ހަމައެކަނި އެފްރިކާ ބައްރުގެ ޤައުމުތަކުގައެވެ. ނަމަވެސް، 2022 މޭ މަހުގެ ތެރޭގައި އިނގިރޭސި ވިލާތުން ވަނީ މި ބަލި ޖެހިފައިވާ މީހުންތަކެއް ފެނިފައެވެ. އަދި، އެއަށްފަހު ވިލާތާއި ހުޅަނގުގެ ޤައުމުތަކަށް މި ބަލި ފެތުރިގެން ދިޔައެވެ.

މަކުނުވިދުރިއަކީ ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެކެވެ. ބަލި ފެތުރެނީ ބަލި ޖެހިފައިވާ މީހަކާ އެއްތަންވެ، ހަށިގަނޑުގެ ދިޔަ އަނެކާގެ ހަށިގަނޑަށް ވާސިލުވުމުންނެވެ. މި ބަލީގެ ޢަލާމަތްތަކުގެ ތެރޭގައި ހުމާއި ތަދުއެރުމުގެ އިތުރުން ހަމުގައި ފޮޅުލުން ހިމެނޭ ކަމުގައި ޑަބްލިޔު.އެޗް.އޯ.އިން ބުނެއެވެ.

މި ބަލި ޖެހިފައިވާ މީހުން އެންމެ ގިނައީ އެމެރިކާގައެވެ. އަދި، އެމެރިކާގައި ވެސް ވަނީ މި ބައްޔަކީ ޢާންމު ޞިއްޙަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އެ ޤައުމުގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 9,461 އަށް އަރައެވެ.

މި ބަލި ޖެހިފައިވާ މީހުން ދެވަނައަށް އެންމެ ގިނައީ ސްޕެއިންގައެވެ. އެ ޤައުމުން މި ބަލީގެ 5,162 ކޭސް ފެނިފައި ވާއިރު، އިނގިރޭސި ވިލާތުގައި މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 3,022 އަށް އަރައެވެ. މި ބަލީގައި މިހާތަނަށް 10 މީހުން ވަނީ މަރުވެފައެވެ. އެއީ، އެފްރިކާ ބައްރުގެ ޤައުމުތަކުން މަރުވި މީހުންގެ އިތުރުން ސްޕެއިންގެ ދެ މީހަކާއި، ބްރެޒިލްގެ ރައްޔިތަކާއި އިންޑިޔާ މީހެކެވެ.