ޚަބަރު

ފަރަންސޭސިވިލާތުގައި ރޯވެފައިވާ އަލިފާންގަނޑުތައް ޢާންމުން ދިރިއުޅޭ ރަށްތަކަށް


ފަރަންސޭސި ވިލާތުގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާންގަނޑުތައް މީހުން ދިރިއުޅޭ ހިސާބުތަކަށް ފެތުރި، ގިނަ އަދަދެއްގެ ބަޔަކު ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަން ޖެހިއްޖެއެވެ. އެންމެ ބޮޑަށް އަލިފާން ރޯވެފައި ވަނީ އެ ޤައުމުގެ ހުޅަނގުދެކުނުގައިވާ ޖިޚޯންދް ސަރަޙައްދުގައެވެ.

އެ ސަރަޙައްދުގައި މީހުން ދިރިއުޅޭ ރަށްތަކާއި އަވަށްތަކަށް އަލިފާންގަނޑު ފެތުރި، ގިނަ އަދަދެއްގެ ގެދޮރު ވަނީ އަނދާފައެވެ. އަދި، އެ ސަރަޙައްދުގައި ދިރިއުޅޭ 10,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން އެ ޤައުމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ޖިޚޯންދްގައި ރޯވެފައިވާ އަލިފާންގަނޑުގެ ސަބަބުން 6,200 ހެކްޓަރުގެ ބިން ވަނީ މުޅިން އަނދާފައެވެ. އަދި، އަލިފާންގަނޑު ވަނީ ޖިޚޯންދާއި އިންވެގެން އޮތް ލޯންދަށް ވެސް ފެތުރިފައެވެ. ޖިޚޯންދުގެ ރަށްތަކުގައި ދިރިއުޅޭ ބައެއް މީހުން، އެ މީހުންގެ ގެދޮރު ދޫކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް ދެކޮޅު ހަދަމުންދާ ކަމުގައި އެ ސަރަޙައްދުގެ ފުލުހުން ބުނެއެވެ. އަދި، ފުލުހުން މިހާރު ދަނީ، ގެއިންގެޔަށް ހިނގައި، ރައްކާތެރި ހިސާބުތަކަށް ބަދަލުނުވެ ތިބި މީހުން، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން މަސައްކަތް ކުރަމުންނެވެ.