ޚަބަރު

ޔޫކްރެއިން ސިފައިންގެ ވަރުގަދަ ހަމަލާތަކެއް ދޮނެޓްސްކަށް


ޔޫކްރެއިންގައި ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދެއް ކަމުގައިވާ ދޮނެޓްސްކަށް ޔޫކްރެއިން ސިފައިން ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި އެކަކު މަރުވެފައިވާ ކަމުގައި ދޮނެޓްސްކުގައި ހަރަކާތްތެރިވާ ރަޝިޔާއިން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން ބުނެއެވެ.

އެއް ހަމަލާ އަރާފައި ވަނީ ކާރުޚާނާއަކަށެވެ. އަދި، މި ހާދިސާގައި އެ ތަނަށް ވަރަށް ބޮޑަށް ގެއްލުންވެ، އެ ތަނުގައި އެމޯނިޔާ ރައްކާކޮށްފައި ހުރި ޓޭންކަކުން ގޭސް ލީކުވެފައިވާ ކަމަށް ވެސް ރަޝިޔާގެ ފައުޖުތަކުން ބުނެއެވެ. މި ހަމަލާއާ ގުޅިގެން ކާރުޚާނާގައި ރޯވި އަލިފާންގަނޑު 6,500 އަކަފޫޓުގެ ސަރަޙައްދަކަށް ފެތުރުނެވެ. މި ހާދިސާއާ ގުޅޭ ގޮތުން ޔޫކްރެއިނުގެ ދިފާޢީ ވުޒާރާއިން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ޔޫކްރެއިނުގެ އިރުދެކުނުގައިވާ ޒަޕޮރީޜިޔާގެ ނިއުކްލިޔަރ ހަކަތަ އުފައްދާ ޕްލާންޓަށް ދާދިފަހުން ދީފައިވާ ހަމަލާތަކާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި ވަނީ ކޯޅުންގަނޑެއް ފެށިފައެވެ. ރަޝިޔާ ސިފައިން ހިފާފައިވާ އެ ޕްލާންޓު ކައިރީގައި ތިބެ ޔޫކްރެއިންގެ ރަށްތަކަށް ރޮކެޓާއި މިސައިލް ހަމަލާ ދެމުންދާ ކަމަށް ޔޫކްރެއިނުން ތުހުމަތު ކުރެއެވެ.

ޔޫކްރެއިނުގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީގެ އިސް އޮފިޝަލެއް ވިދާޅުވެފައި ވަނީ، އެ ޕްލާންޓަކީ އައްޑަނައެއްގެ ގޮތުގައި ރަޝިޔާ ސިފައިން ބޭނުން ކުރަމުންދާ ކަމުގައެވެ. އަދި، ރަޝިޔާ ސިފައިންގެ ހަމަލާތަކަށް ރައްދު ދިނުމަކީ ނުރައްކާތެރި ކަމަކަށް ވާނެ ކަމުގައި ޔޫކްރެއިނުން ޤަބޫލު ކުރެއެވެ. އެޓޮމިކް ހަކަތައާ ބެހޭ ބައިނަލްއަޤްވާމީ އިދާރާ (އައި.އޭ.އީ.އޭ)އިން ވަނީ، އެ ޕްލާންޓަށް ހަމަލާ ދިނުމަކީ ނިއުކްލިޔަރ ކާރިސާއެއްގެ ފެށުން ކަމަށް ވެދާނެ ކަމަށް ބުނެ އިންޒާރު ކޮށްފައެވެ.

އެ ޕްލާންޓަށް ދެ ފަހަރެއްގެ މަތިން ހަމަލާ ދީފައި ވަނީ ޔޫކްރެއިން ސިފައިން ކަމުގައި ރަޝިޔާއިން ތުހުމަތު ކުރާއިރު، އެ ޕްލާންޓު ކައިރީގައި ހަރަކާތްތެރިވާ ރަޝިޔާ ސިފައިން ވަނީ އެ ސަރަޙައްދުގައިވާ ރަށެއް ކަމުގައިވާ މަރްހަނެޓްސްއަށް 80 މިސައިލް ހަމަލާ ދީފައެވެ. މި ހަމަލާތަކުގައި 13 މީހުން މަރުވެ، އިތުރު 10 މީހަކު ޒަޚަމުވި ކަމަށް ޔޫކްރެއިނުން ބުނެއެވެ. ނަމަވެސް، އެ ހަމަލާތަކުގެ ރައްދުގައި ޔޫކްރެއިން ސިފައިންގެ ހަމަލާތައް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ޒެލެންސްކީ ވަނީ ދެއްވާފައެވެ.

ރަޝިޔާއިން ހިފާފައިވާ ކްރައިމިޔާ ޕެނިންސިޔުލާގައި ހުރި ރަޝިޔާ ސިފައިންގެ އަސްކަރީ ވައިގެ ބަނދަރެއްގައި މި ހަފުތާގެ ކުރީކޮޅު ވަނީ ބާރުގަދަ ގޮތުންތަކެއް ގޮވާފައެވެ. ރަޝިޔާއިން ބުނީ، އެ ތަނުގައި ގޮވުންތަކެއް ގޮވާފައި ވަނީ ޔޫކްރެއިނުން ދިން ހަމަލާއެއްގައި ނޫން ކަމުގައެވެ.

ނަން ހާމަކޮށްފައި ނުވާ ޔޫކްރެއިނުގެ ޖާސޫސީ އިދާރާގެ ދެ އޮފިޝަލަކު ވަނީ، ޔޫކްރެއިނު ސިފައިންގެ ޚާއްޞަ ޓީމަކުން ކްރައިމިޔާގެ ވައިގެ ބަނދަރަށް ހަމަލާދީފައިވާ ކަމަށް ބުނެ، ނޫސްތަކަށް މަޢުލޫމާތު ދީފައެވެ. ނަމަވެސް، ރަސްމީ ސިފައެއްގައި ޔޫކްރެއިނުން މި ހާދިސާގެ ޒިންމާ އުފުލާފައެއް ނުވެއެވެ.

މި ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާރުތަކުގެ މެދުގައި ވަނީ ބޮޑު ކޯޅުންގަނޑެއް އުފެދިފައެވެ. ދާދި ފަހުން ޗައިނާއިން ރަޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަނީ އެމެރިކާއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. ސަފީރު ވިދާޅުވެފައި ވަނީ، މި ހަނގުރާމަ ދިގުލައިގެން ގޮސްފައި ވަނީ އެމެރިކާގެ ސަބަބުން ކަމުގައެވެ. އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދަނީ ޔޫކްރެއިން ސިފައިންނަށް އަސްކަރީ އެހީގެ ގޮތުގައި ދުރުރާސްތާ ރޮކެޓާއި އެހެނިހެން ބަރު ހަތިޔާރު ފޯރު ކޮށްދެމުންނެވެ.