އިޓާލިއަން ލީގުގެ އިންޓަ މިލާނަށް ކުޅެމުން އައި ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް, ފްރެންޗް ލީގުގެ އޮލިމްޕިކް މާސޭއަށް ސޮއިކޮށްފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަންޗޭޒް މާސޭއަށް ސޮއިކޮށްފައިވަނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
އިންޓަ މިލާނަށް ކުޅެމުންދިޔަ ސަންޗޭޒް މިދިޔަ ހޯމަ ދުވަހު ވަނީ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުން، ދެފަރާތުގެ އެއްބަސްވުމާއެކު އުވާލާފައެވެ. މި އެއްބަސްވުން އުވާލުމުގެ ކުރިންވެސް ފްރެންޗް ލީގަށް ބަދަލުވާން ސަންޗޭޒް އުޅޭކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
މާސޭއިން އެ ކުލަބުގެ ޓްވިޓާގައި ސަންޗޭޒް ތައާރަފުކޮށްފައިވަނީ ސުޕަ ހީރޯއެއްގެ ގޮތުގައެވެ. ސަންޗޭޒް ވަނީ އިންޓައަށް 109 މެޗު ކުޅޭދީ 20 ލަނޑު ޖަހާދީފައެވެ. އަދި 2020-2021 ވަނަ ސީޒަނުގައި ގިނަ އަހަރު ތަކަކަށްފަހު އިޓާލިއަން ލީގުގެ ތަށި އިންޓައިން ކާމިޔާބުކުރުމުގައިވެސް، ސަންޗޭޒް ދައުރު ބޮޑެވެ. އަދި އޭނާ ވަނީ ޗިލީގެ ގައުމީ ޓީމަށް 48 ލަނޑު ޖަހާދީފައެވެ.
މާސޭއިން ފްރެންޗް ލީގުގެ އައު ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުގައި ވަނީ ރެއިމްއާ ބައްދަލުކޮށް 4-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.