ކުޅިވަރު

ރެއާލުން ފަސްވަނަ ފަހަރަށް ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފި


ޔުއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން މި އަހަރުގެ ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފިއެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މި މެޗު ރެއާލުން ކާމިޔާބުކުރީ ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަން އެއިންޓްރެކްޓް ފްރެންކްފަޓާ ބައްދަލުކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ކޮންމެ ސީޒަނެއްގެ ޔޫރަޕުގެ މުބާރާތްތައް ފެށުމުގެ ކުރިން ކުރިން، ޗެމްޕިއަންސް ލީގުުގެ ޗެމްޕިއަނުންނާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ މި މެޗު މި ފަހަރު ކުޅެފައިވަނީ ފިންލަންޑުގެ ވެރިރަށް ހެލްސިންކީގައެވެ.

ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލުންނެވެ. މި މެޗުގައި ރެއާލުން ކާމިޔާބުރި ފުރަތަމަ ލަނޑު މެޗުގެ 37 ވަނަ މިނެޓުގައި ޖަހަދިނީ ޑޭވިޑް އަލަބާއެވެ. އަދި ދެވަނަ ލަނޑު މެޗުގެ 65 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ކަރީމް ބެންޒެމާއެވެ.

މިއީ އޭނާ ރެއާލަށް ކާމިޔާބުކޮށްދިން 324 ވަނަ ލަނޑެވެ. އެއާއެކު ބެންޒެމާ ވަނީ ރައުލް ގޮންޒާލޭސް ފަހަތަށް ޖައްސާލުމަށްފަހު، ރެއާލަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނައަށް އަރާފައެވެ. މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ 450 ލަނޑު ރެއާލަށް ކާމިޔާބުކޮށްދީފައިވާ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.

ފްރެންކްފަޓް ބަލިކޮށް ރެއާލުން ޔުއެފާ ސުޕަ ކަޕް ކާމިޔާބުކުރިއިރު، މި އެ ޓީމުން ސުޕަ ކަޕް ކާމިޔާބުކުރި ފަސްވަނަ ފަހަރެވެ.