ކުޅިވަރު

ޓެންޓް މޮޅުވި ނަމަވެސް ކުޑަ ހެންވޭރު ސެމީއަށް


ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ޖޭޖޭ ސްޕޯޓްސް ކުލަބު އަތުން ޓެންޓް ސްޕޯޓްސް ކުލަބު މޮޅުވި ނަމަވެސް، ސެމީ ފައިނަލުގެ ފުރުސަތު ކުޑަ ހެންވޭރު ޔުނައިޓެޑަށް ލިބިއްޖެއެވެ.

ބުދަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު ގްރޫޕް އެކެއްގެ މެޗުން ޓެންޓް ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެއާއެކު ގުރޫޕް އެކެއްގައި މެޗުތައް ކުޅެ ނިމުނުއިރު، ދެވަނައިގައި އޮތް ކުޑަ ހެންވޭރާއި ތިންވަނައިގައި އޮތް ޓެންޓަށް ވަނީ 15 ޕޮއިންޓް ލިބިފައެވެ. އެކަމަކު ލަނޑުގެ ތަފާތުން ކުރި ހޯދައި، ސެމީގެ ޖާގައެއް ހޯދާފައިވަނީ ކުޑަ ހެންވޭރެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ޓެންޓުން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 21 ވަނަ މިނެޓުގައި މުޙައްމަދު އިޔާން ހަސަން ޓެންޓަށް ލީޑު ނަގައިދިންއިރު، ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އުސާމަތު އިބްރާހީމް ވަނީ ލަނޑެއް ޖަހައި، އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި ދެވަނަ ހާފުގައި، މެޗުގެ 81 ވަނަ މިނެޓުގައި ޓެންޓުގެ ތިންވަނަ ލަނޑު ޖަހައިދިނީ އަނީސް އަބްދުﷲ އިބްރާހީމެވެ.

މި މެޗާއެކު އަށް ޓީމު ވާދަކުރި ގްރޫޕް އެކެއްގެ ކުޅުން ނިމިފައިވާއިރު، މި ގުރޫޕްގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ބުރު ސްޕޯޓްސް ކުލަބެވެ.