ޚަބަރު

ދެ ރަށެއްގައި ސްކޫލް ޢިމާރާތް ހަދަން ބަޔަކާ ޙަވާލުކޮށްފި


ދެ ރަށެއްގެ ސްކޫލް ޢިމާރާތް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވަނީ 2 ސްކޫލަކަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލަކާއި ކްލާސްރޫމް ހަދަން ބަޔަކާ ޙަވާލުކޮށްފައެވެ. މީގެތެރޭގައި ހިމެނެނީ ހއ.ފިއްލަދޫ ސްކޫލާއި ކ.ގުޅީ ސްކޫލްގެ މަސައްކަތެވެ.

ހއ.ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިމަޝްރޫޢަކީ 13734711.88 (ތޭރަ މިލިއަން ހަތްލައްކަ ތިރީސް ހަތަރު ހާސް ހަތްސަތޭކަ އެގާރަ ރުފިޔާ އަށްޑިހައަށް ލާރި)ގެ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ ނައުޝާދު އިބްރާހީމެވެ. ނެކްސާ ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ނައިހްއެވެ.

ކ.ގުޅީ ސްކޫލުގެ 06 ކްލާސްރޫމާއި ހޯލް އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއީ 16,641,056.19 (ސޯޅަ މިލިއަން ހަތް ލައްކަ ސާޅީސް އެއް ހާސް ފަންސާސް ހަ ރުފިޔާ ނަވާރަ ލާރީ) ގެ މަޝްރޫޢެކެވެ. މި މަސައްކަތް ނިންމުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

މިމަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމްއެވެ. ކޭ އެންޑް އެފް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު ކުޝްރުވާން އަހުމަދުއެވެ.

މިއީ ސަރުކާރުގެ ޕީ.އެސް.އައި.ޕީ ބަޖެޓުގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫޢުތަކެކެވެ.

ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ދަރިވަރުންނަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށް ތަޢުލީމު ފޯރުކޮށްދިނުމުގެ ޒަމާނީ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުރައްވަމުންނެވެ. މިހާރުވެސް އަލަށް ސްކޫލްތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު ބައެއް ސްކޫލްތަކަށް ބޭނުންވާ ޢިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.